ހަބަރު

ހާލަތު ބެލުމަށް ސީމެގް އާއި އީޔޫގެ ޓީމް އަންނަ ހަފްތާ ރާއްޖެއަށް

  • ސަރުކާރުން ދައުވަތު ދީގެން ކުރާ ޒިޔާރަތެއް
  • އިންސާފުވެރިކޮށް ރާއްޖޭގެ ހާލަތު ބަލާނެ ކަމަށް އުންމީދު ކުރޭ
  • ގިނަ ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވި

ރާއްޖޭގެ ހާލަތު ބެއްލެވުމަށް، ސަރުކާރުގެ ދައުވަތަކަށް ކޮމަންވެލްތް މިނިސްޓްރިއަލްގެ އެކްޝަން ގްރޫޕު (ސީމެގް)ގެ ޓީމަކާއި ޔޫރަޕިއަން ޕާލިމަންޓު، އެމްއީޕީސްގެ ވަފުދެއް އަންނަ ހަފްތާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.


ދުންޔާ މިހެން ވިދާޅުވި އިރު ދިވެހި ސަރުކާރުގެ ވަފުދެއް މިހާރު ގެންދަވަނީ އެކި ގައުމުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މި ދަތުރު ފުޅުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ބޭރުގެ އިސްފަރާތްތަކާއި ނޫސްވެރިންނަށް އަންނަނީ މައުލޫމާތުތައް ދެމުންނެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރަންސެއްގައި ދުންޔާ ވިދާޅުވި ގޮތުގައި ސީމެގްގެ ޓީމް ރާއްޖެ އަންނަނީ މި މަހުގެ ހަޔަކުން އަށަކަށެވެ. އަދި އީޔޫ ޕާލިމަންޓްގެ ވަފުދު އަންނަނީ މި މަހުގެ ހަތަކުން ނުވަޔަކަށް ކަމަށް ދުންޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މޯލްޓާގެ ކޮމަންވެތް ހެޑްސް އޮފް ގަވަމަންޓްގައި ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖޭގެ ކަންތައްތައް ހިނގަމުން ދާގޮތް ބެލުމަށް ރާއްޖެ އައުމާ ބެހޭ ގޮތުން ސަރުކާރާއި މަޝްވަރާ ކުރި ކަމަށެވެ. އެގޮތުން ސަރުކާރުގެ ދައުވަތަކަށް ސީމެގްގެ ޓީމެއް ރާއްޖެ ޒިޔާރަތް ކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

އެގޮތުން ސީމެގްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާނީ ސީމެގުގެ ވަައިސް ޗެއާއި، ކެބިނެޓް ސެކެޓަރީ ފޯ ފޮރިން އެފެޔާޒް އެންޑް އިންޓަމނޭޝަނަލް ޓްރޭޑް އޮފް ކެންޔާ އަދި އިންޑިޔާގެ ފޮރިން ސެކްރެޓަރީ އަދި މީގެ ކުރިން ވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވާ ކޮމަންވެތުގެ އިތުރު ދެ ބޭފުޅެއް ވެސް މިދަތުރުފުުގައި ވަޑައިގަންނަވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ކުރިން ވެސް ސީމެގުން ވަނީ ރާއްޖޭގެ ހާލަތުބައްލަވައި ބަޔަކު ދައްކައި ވާހަކަޔަށް ހެއްލި ކޮންމެވެސް ވަރަކަށް ހަގީގަތާއި ހިލާފު ކަންތައްކުރެވި ނިންމުން ތަކެއް ނިންމާފައި. އަޅުގަނޑުމެންގެ އުމްމީދަކީ މިފަހަރުގެ ގްރޫޕުން ވަރަށް ރަނގަޅަށް އިންސާފުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންތައްތައް ކުރިޔަށް ދާގޮތް ބައްލަވާނެ ކަމަށެވެ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މީގެ އިތުރުން ވެސް މިމަހު ޔޫރަޕިއަން ޕާލިމަންޓުގެ އެމްއީޕީސްގެ ވަފުދެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެބޭފުޅުން ސަރުކާރުގެ އިސްވެރިންނާއި މަޖުލީހުގެ ރައީސްއާވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.