ދުނިޔެ

"ޔުކްރޭން ހަނގުރާމަ ހުއްޓުވަށް އދ. އާއެކު ތުރުކީ އޮންނާނެ"

ރަޝިއާ-ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް އދ. އިން ކުރާ ކޮންމެ ކަމެއްގައި ތުރުކީ އެހީތެރިވެދެއްވާނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސްއަށް ފޯނުން ގުޅުއްވައި އުރުދުޣާން ވިދާޅުވީ ސޫދާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމުގައި ވެސް އދ.އިން އެދިއްޖެ ނަމަ ކޮންމެ ކަމެއްގައި ވެސް ތުރުކީ ބައިވެރިވާނެ ކަމަށެވެ.

އުރުދުޣާން ދެއްކެވި ވާހަކަތަކުގައި ބޯޑަރު ހުރަސްކޮށް އދ. އިން ސީރިއާއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ސީރިއާއަށް ދެމެހެއްޓެނިވި ގޮތުގައި އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވެސް އދ. އާއި ތުރުކީއާ ދެމެދު މަޝްވަރާ ކުރެވުނެވެ.

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުވާލައްވައި އުރުދުޣާން ވިދާޅުވީ ހަމަނުޖެހުން ހިނގަމުންދާ ދެ ގުރޫޕްގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް މަގުފަހިކޮށްދޭ ގައުމަކަށް ތުރުކީ ވެދާނެ ކަމަށެވެ.

ތުރުކީ އަކީ އެކަމަށް ގާބިލު ގައުމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ޔުކްރޭންގެ ގޮވާން ޑީލަށް ހުއްޓުމެއް ނެތި ކުރިރަށް ގެންދެވޭނެ ނިޒާމެއް އެކުލަވާލުން މުހިންމު ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އދ. އިން އެޖެންޑާކޮށްފި ނަމަ ޔުކްރޭންގެ ގޮވާން ޑީލުގެ މުއްދަތު އިތުރުކުރުމަށް ރަޝިއާ-ޔުކްރޭންގެ މެދުގައި ތުރުކީ މެދުވެރިވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިދާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ޔުކްރޭން ގޮވާން ޑީލް ފެށުމުގައި ތުރުކީން ވާނީ އދ. އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ތުރުކީ އަކީ ރާޝިއާ އާއި ޔުކްރޭންއާ ވެސް ވަރަށް ގާތް ގައުމަކަށް ވާތީ މަޝްވަރާކުރުން ދަތިނުވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.