ދުންޔާ މައުމޫން

އަމާލް ދައްކާހާ ވާހަކައެއް ދުނިޔެ މިހާރު ގަބޫލެއް ނުކުރޭ: ދުންޔާ

ސަރުކާރުގެ ހާއްސަ ވަފުދަކުން ބޭރު ގައުމުތަކުގައި ކުރައްވަމުން ގެންދަވާ މަސައްކަތުން ރާއްޖޭގެ ހަގީގަތް އެފަރާތްތަކަށް އެނގެމުންދާ ކަމަށާއި ނަޝީދުގެ ލޯޔަރުން ދައްކާ ވާހަކަތަކަށް އިތުރު ސުވާލުތައް އުފައްދަން ފަށައިފި ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރަންސްގައި، ސަރުކާރުން މިހާރު ބޭރުގައުމުތަކަށް ކުރައްވާ ދަތުރު ފުޅުތަކަށް އިޝާރަތް ކުރައްވާ ދުންޔާ ވިދާޅުވީ ސަރުކާރުގެ ވަފުދު ބޭރު ގައުމުތަކުގައި ކުރާ މަސައްކަތުގެ ސަބަބުން ބޭރުގައުމުތަކުގެ ނޫސްތަކުންނާއި އެގައުމުތަކުން ނެރޭ ނޫސް ބަޔާންތަކުން ބަދަލެއް ފެންނަ ކަން ގަބޫލު ކުރައްވާ ކަމަށެވެ. ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކާއި އަބަރި އިސްލާމީ ގައުމުތަކަށް ރާއްޖޭގެ ހަގީގީ ހާލަތު އެނގޭކަމަށް ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ނަޝީދުގެ މައްސަލާގައި މިހާރު ބައެއް ގައުމުތަކުގެ ނޫސްތަކުގައި ހިޔާލު ތަފާތުވުންތަކެއް ހުންނަ ކަމަށާއި އެގޮތުން ބްރިޓިޝް، ޔޫއެސް އަދި އިންޑިޔާގެ މުހިންމު ބައެއް ނޫސް ތަކުން ވެސް މިހާރު ތަފާތު ވާހަކަތަކެއް ނިކުންނަތަން ފެންނަ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"މިސް ކްލޫނީ ވިދާޅުވީ ވީތީއޭ ކިޔާފަ ހުރިހާ އެންމެން އެވާހަކަތަކެއް ގަބޫލެއް ނުކުރޭ. މިހާރު އެބަ ފެނޭ އިތުރު ސުވާލުތަކެއް އުފްއްދައި ހަގީގަތަކީ ކޮބައިތޯ ބަލައި، ނަޝީދަކީ ކޮންކަހަލަ ބޭފުޅެއްތޯއާއި ކުރިން އަމަލުތައް ގެންގުޅުއްވާފައި ހުރީ ކޮންހެނެއްތޯ ބޭރު މީޑިއާ ތަކުން ސުވާލު އުފެދައި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޭރުގައުމުތަކުގެ ބޮޑެތި ނުފޫޒު ގަދަ އަދި މީޑިއާ ތަކުގައި އެހެން ގޮތަކަށް ނަޝީދާއި ރާއްޖޭގެ މައްސަލަތައް ބޭރަށް ދައްކަމުންދިޔަ އެވެ. އެހެން ކަމުން ބޭރުގައުމުތަކުން ހަގީގަތާއި ހިލާފަށް ފަތުރާ ވާހަކަތައް ބަދަލު ކުރުމަކީ އެންމެ ދުވަމުން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެކަން ހުއްޓުމެން ނެތި ކުރަމުން ދާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.