ސުޕްރީމް ކޯޓް

ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭން ސުޕްރީމް ކޯޓުން ފާސް ކޮށްފި

Feb 3, 2016
  • އިސްކަން ދޭނެ މައިގަނޑު ހަތަރު ދާއިރާއެއް ހިމެނޭ
  • ޝަރީއަތުގެ ބޭރުން މައްސަލަ ހައްލު ކުރާ ނިޒާމާބެހޭ ކޮމިޓީއެއް އުފައްދާނެ
  • ސްވޮޓް އެނާލިސިސް ތައާރަފު ކުރާނެ

ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ފާސް ކޮށްފި އެވެ.

އާ އެކްޝަން ޕްލޭނަކީ 2016 އިން 2017 އަމަލު ކުރާ ޕްލޭނެކެވެ. މި ޕްލޭން ފާސްކޮށްފައި ވަނީ މިދިއަ މަހުގެ 24 ގައެވެ.

ސުޕްރީމް ކޯޓުން ބުނީ ދެ އަހަރުގެ އެ ޕްލޭނުގައި ޝަރުއީ ދާއިރާގެ ތަރައްގީގެ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ފޯކަސް ކުރާނެ މައިގަނޑު ހަތަރު ދާއިރާއެއް ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އެ ދާއިރާތަކަކީ އަދުލުގެ ނިޒާމަށް ފަސޭހައިން ރައްޔިތުންނަށް ވާސިލު ވެވޭނެ އަދި ފަސޭހައިން އަދުލު އިންސާފުގެ ހައްގު ހޯދޭނެ މަގުފަހި ކޮށްދޭން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރީއަތް ކޮށް އަދުލު އިންސާފު ގާއިމު ކުރުމުގެ މަސައްކަތް ހަލުވި ކޮށް އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ ހިމެނެ އެވެ.

އަދި ޝަރުއީ ދާއިރާ ޖަވާބުދާރީ ކުރުވުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން ރައްކާތެރި ކޮށް ކަށަވަރު ކުރުމުގެ ނިޒާމު ހަރުދަނާ ކުރަން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޖިނާއީ އަދުލުގެ ނިޒާމުގައި ޝާމިލުވާ އެކިއެކި މުއައްސަސާތަކުގެ ގުޅުމާއި އެއްބާރުލުން ވަރުގަދަ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ ވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓުން ބުނީ މި ދާއިރާތަކުން ހިންގާ ހަރަކާތްތައް އަމާޒު ކުރާނީ ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާގެ މުއައްޒަފުންނަށް ކަމަށާއި ނަމަވެސް ނޫނީ ވަކީލުންނާއި އާއްމުންނަށް އަމާޒު ކޮށް ވެސް ބައެއް ޕްރޮގްރާމުތައް ހިންގާނެ ކަމަށެވެ. އެގޮތުން ޤާނޫނީ ވަކީލުންނަށް ބައިވެރި ވެވޭ ގޮތަށް ފަންނީ ތަމްރީނުގެ ޕްރޮގްރާމުތައް ރާވާފައިވާ އިރު، އާއްމުން ބޭނުންވާ މަލޫމާތު ފޯރު ކޮށްދިނުމުގެ ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށެވެ.

އާ އެކްޝަން ޕްލޭނުގައި ހިންގާނެ މުހިއްމު ހަރަކާތްތަކުގެ ތެރޭގައި ޝަރީއަތުން ބޭރުގައި މައްސަލަތައް ހައްލު ކުރުމުގެ ނިޒާމާ ބެހޭ ހާއްސަ ކޮމިޓީއެއް އުފައްދައި އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ޝަރީއަތުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ މަސައްކަތާ ބެހޭ ތަމްރީނުތައް ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާގެ މުއައްޒަފުންނަށް ދޭނެ އެވެ.

މީގެ އިތުރުން ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ސްވޮޓް އެނާލިސިސް ހެދުމާއި، މައްސަލަތައް އަވަހަށް ނިންމުމުގެ ގާބިލިއްޔަތު އިތުރު ކުރުމަށް ޓަކައި ކޯޓުތަކުގައި ކޭސް މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ރުޖޫއީ އިންސާފުގެ ނިޒާމާ ބެހޭގޮތުން ޖުޑީޝަލް އޮފިސަރުންނާއި ގާނޫނީ ވަކީލުންނާއި ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް އަމާޒު ކޮށްގެން ސެމިނާ ބޭއްވުމާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ.

ޕްލޭނުގައި ހިމެނޭ އެކިއެކި ހަރަކާތްތަކާއި ކުރިޔަށް ގެންދާނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އިސްވެ އޮންނާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކަޑަމީއެވެ.