ބޮލީވުޑް

"ޓްރިޕްލް އެކްސް" ގެ ޝޫޓިން އަށް ދީޕިކާ ކެނެޑާ އަށް

Feb 4, 2016

ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު، ހޮލީވުޑްގައި ފައިތިލަ ސާބިތުކުރަން ބޭނުންވާ ދިޕިކާ ޕަދުކޯން، އޭނާ ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ގެ ޝޫޓިން އަށް ކެނެޑާ އަށް ގޮސްފި އެވެ.

އަންގާރަ ދުވަހު މިފިލްމުގެ ޝޫޓިން އަށް ދިޕިކާ ކެނެޑާ އަށް ގޮސްފައިވާކަން ޔަގީންކޮށްދީފައިވަނީ އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގް އެވެ. ދިޕިކާ ކުޅޭ ފުރަތަމަ ހޮލީވުޑްގެ ފިލްމުގެ ޝޫޓިން އަށް ކެނެޑާއަށް ގޮސްފައިވާ ކަމަށް ބުނަމުން ރަންވީރު ވަނީ އޭނާ ދިޕިކާ ދެކެ ވަރަށް ފަހުރުވެރިވާ ކަމަށާއި އޭނާގެ މި އާ ދަތުރަކީ ބާއްޖަވެރިވާނެ އަދި އެހާމެ ކާމިޔާބު ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެންޑީޓީވީ އިންޑިއަން އޮފް ދަ އިޔާ އެވޯޑް ހަފްލާގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ދިޕިކާ ވަނީ މިހާތަނަށް އޭނާ އެކުގައި މަސައްކަތްކޮށްފައިވާ ކޯސްޓާރުންގެ ތެރެއިން އެންމެ ހިތްހެޔޮ މީހަކީ ވިން ޑީސެލް ކަމަށާއި އޭނާއާ އެކުގައި މިފިލްމުގެ މަންޒަރުތައް ހޭދަކުރާ ވަގުތަކީ ހެއްވާ މަޖާ ވަގުތުތަކަށް ވާނެ ކަމަށް އުުންމީދުކުރާ ކަމަށް ދިޕިކާ ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މިފިލްމުގެ ޝޫޓިން ދިޕިކާ ފަށާނެ ކަމަށްވާއިރު، ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ކެނެޑާގެ ކޮންތަނެއްގައި ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ވިން ޑީސެލް އާއެކު ދިޕިކާ ފެނިގެންދާ މިފިލްމުގައި އޭނާ ކުޅުމަށް ހަމަޖެހިފައިވަނީ އެކްޝަން ރޯލެއް ކަމުން، މިރޯލަށް ފިޓްވުމުގެ ގޮތުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ހާއްސަ ތަމްރީނުތަކެއް ހަދާފަ އެވެ.

ވޭތުވެދިޔަ އަހަރަކީ ދިޕިކާ ކެރިއަރުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ލިބިފައިވާ އަހަރެކެވެ. އޭނާގެ ތިން ފިލްމެއް ރިލީޒްވެފައިވާއިރު، މިތިން ފިލްމަށްވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

މިއަހަރު ދިޕިކާ އެއްވެސް ބޮލީވުޑް ފިލްމެއް ރިލީޒްވުމަށް ހަމަޖެހިފައިނުވާއިރު، ފިލްމެއް ކުޅެން މިހާތަނަށް ސޮއިކޮށްފައެއް ވެސް ނުވެ އެވެ.

ދިޕިކާ ހޮލީވުޑްގެ ފިލްމެއް ކުޅެން އުޅޭ ކަމުގެ އަޑު އަރާފައިވަނީ މިދޔަ އަހަރުގެ ފަހުކޮޅު ވިން ޑީސެލްއާ ބައްދަލުކޮށް އޭނާ އާއެކު ނަގާފައިވާ ސެލްފީއެއް ސޯޝަލް މީޑިއާގައި އާންމުކުރި ހިސާބުންނެވެ. އަދި މިސިލްސިލާގެ ފިލްމެއްގައި ދިޕިކާ ފެނިގެންދާނެކަން ހާމަކޮށްފައިވަނީ މިފިލްމުގެ ޑައިރެކްޓަރު ކުރި ޓްވީޓެއްގަ އެވެ.

"ޓްރިޕަލް އެކްސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ދިޕިކާ ކެނެޑާއަށް އަންގާރަ ދުވަހުގެ ރޭ ފުރުމުގެ ކުރިން ވަނީ އެރޭ އޮތް އެންޑީޓީވީ އިންޑިއަން އޮފް ދަ އިޔާ 2015ގެ އެވޯޑް ހަފްލާގައިވެސް ބައިވެރިވެފަ އެވެ. މިއެވޯޑް ހަފްލާގައި ދިޕިކާ އަށް ވަނީ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލބިފަ އެވެ.