އާބަންކޯ

ހިޔާ ދެ ފްލެޓް އެއްކޮށްލުމުން ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި ދެ އެޕާޓްމަންޓްގެ ވެރިން ކޮންމެ މީހަކު އެއްލައްކަ ރުފިޔާ ދައްކަންޖެހޭ ގޮތަށް ޖޫރިމަނާކޮށްފި އެވެ.

އާބަންކޯ މިއަދު ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުމާ ގުޅިގެން އެމައްސަލަ ބެލުމުން އެގޮތަށް އަމަލުކޮށްފައިވަނީ ކޮން ދެ އެޕާޓްމަންޓެއްގައި ކަން ހޯދިފައިވާ ކަމަށެވެ.

މި ދެ އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރިއިރު އާބަންކޯ އިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެ އެޕާޓްމަންޓްގެ ވެރިން ގުޅިގެން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި އެތަން ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވާ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

"މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި،" އާބަންކޯ އިން ބުނެފައިވެ އެވެ.

އާބަންކޯ އިން އިތުރަށް ބުނީ ހިޔާ ފުލެޓުގައި ދެ އެޕާޓްމަންޓެއް އެއްކޮށްލައިގެން ޖުރިމަނާ ކުރެވުނު އެޕާޓްމަންޓުތައް، 10 ދުވަހުގެ ތެރޭގައި ފުލެޓު ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށްވެސް ފުލެޓުތަކުގެ ވެރިންނަށް އަންގާފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަ ނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.