ދުނިޔެ

\

ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ހިންގާ ފަލަސްތީނުގެ ސްކޫލެއް އިޒްރޭލު ސިފައިން ސުންނާފަތިކުރުމަކީ ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ޖަރުމަން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ކްރިސްޓޮފާ ބާގާ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ސްކޫލް މަދަރުސާތައް ތަޅާލައި ފުނޑުފުޑުކުރުމަކީ ދަރިވަރުންގެ ކިޔެވުމަށް ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ. އެއީ ތައުލީމަށް ވަރަށް ބޮޑު ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖަރުމަންގެ ވެރިރަށް ބާލިންގައި އޮތް ބައްދަލުވުމެއްގައި ކްރިސްޓޮފާ ބާގާ ވިދާޅުވިީ ސްކޫލް ހުރީ ހަނގުރާމައިގެ މައިދާނެއްގައި ނޫން ކަމަށެވެ.

އިސްރޭލު ސިފައިން ގަަސްދުގައި އެ އިމާރާތަށް ވަދެގަތުމަކީ ބައިނަލްއަގްވާމީ ގާނުންތަކާ ޚިލާފަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނގުރާމައިގެ މައިދާނެއްގައި ވެސް އާންމު ރައްޔިތުންނާއި އެ މީހުންނަށް ޚިދުމަތް ދޭން ހުންނަ އަސާސީ ބިނާތައް ގަސްދުގައި ހަލާކުކޮށްލުމަކީ ޖަރުމަން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

އިޒްރޭލުން ފޭރިގެންފައި އޮތް ހުޅަނގު އައްސޭރީގައި ކުޑަކުދިންނަށް ކިޔަވައިދޭ -- ޕްރައިމަރީ ފެންވަރުގެ ސްކޫލަކަށް އަސްކަރީ ސިފައިން އާދިއްތަ ދުވަހު ބުލްޑޯޒަރުގައި ވަދެގަނެ ފާރުތައް ތަޅައި އިމާރާތް ވަނީ ސުންނާފަތިކޮށްފަ އެވެ.

އިޒްރޭލުން ބުނާ ގޮތުން ސްކޫލް އިމާރާތްކޮށްފައި ހުރީ ގަވައިދާ ޚިލާފަށެވެ. އެހެންކަމުން އެ އިމާރާތް ހުސްކުރަން ސްކޫލްގެ މެނޭޖްމަންޓަށް އޮންނާނީ އަންގާފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން އިޒްރޭލަށް ރައްދުދީ ސްކޫލް ސުންނާފަތިކުރުމުގެ ބަދަލުގައި މަޝްވަރާކުރުމަށް އިޔޫ މެދުވެރިވާނެ ކަމަށްވެސް އޮތީ އަންގާފަ އެވެ.

ފަލަސްތީންގެ އިދާރާތަކުން ބުނާ ގޮތުން އެ ސަރަހައްދުގައި މީގެ ކުރިން އިމާރާތްކުރި މަދަރުސާއެއްވެސް އިޒްރޭލު ސިފައިން ވަނީ ސުންނާފަތިކޮށްފަ އެވެ.

ފަލަސްތީނަށް ނިސްބަތްވާ އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަކީ އިޒްރޭލުން ޖަހަގައިނެ ގޮށްމުށުން އަމުރުހިންގާ ބިންތަކެކެވެ. އެހެންކަމުން އެއިން ސަރަހައްދަކުން އެއްވެސް އިމާރާތެއް ބިމާހަކޮށް ޔަހޫދީން ވަޒަންވެރިކުރުމަށް އިމާރާތްކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި ކުށެކެވެ.