ދުނިޔެ

ފްރާންސްގެ ފުލުހުންގެ އޮޕެރޭޝަނުްތަކުގެ އަމާޒު މުސްލިމުންނަށް

ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނެޝަނަލް އިން ވަނީ ފްރާންސްގެ ފުލުހުންގެ ފަރާތުން މުސްލިމުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

ފްރާންސުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު ހިންގަމުން ގެންދާ އޮޕެރޭޝަނުތަކުގައި މުސްލިމުންނަށް ނަހަމަގޮތުގައި އަމާޒު ކޮށްފައިވާ ކަމަށް ދަނީ ބުނަމުންދާއިރު މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ބަލާ ފާސްކުރުމުގެ ތެރޭގައި ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބެލުމެއް ނެތި ފްރާންސްގެ ފުލުހުން ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރަމުން ދާ ކަމަށްވެސް ވެއެވެ.

ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނެޝަނަލް އިން ބުދަ ދުވަހު ވަކިން ނެރުނު ދެ ރިޕޯޓުގައި ބުނާ ގޮތުން، ފުލުހުން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކޮށްފައިވެއެވެ.

ބައެއް މީހުން ބުނީ ފުލުހުން ވަނީ މިސްކިތް ތަކަށާއި، ގެތަކަށާއި ތަންތަނަށް ވަދެ މުދާ ހަލާކުކޮށް ހަތިމް ތަކާއި އިތުރު މުދާ ބިންމައްޗަށް އުކާ ކުޑަކުދިންވެސް ބިރުގަންނަވާފައެވެ. އޭގެ ސަބަބުން ހިނގާ ބިނގާ އުޅުމުގައާއި، ދިރިއުޅުުމުގެ ކަންކަމާއި ބެހި އެތަކެއް ކަންތަކެއް ކުރަން މަނާ ކުރުމުން ޖިސްމާނީ އަނިޔާގެ އިތުރުން ވަޒީފާ ގެއްލި، އާއިލާތަކަށް ހަރަދު ކުރާނެ ގޮތެއް ނެތިފައި އެތަކެއް ބަޔަކު ތިބިކަމަށްވެއެވެ.