މީރާ

މީރާއަށް އޭޕްރީލްގައި ލިބުނީ 1.9 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ-- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި 1.86 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ނިމިގެން ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 13.2 ޕަސަންޓް އިތުރު އަދަދެކެވެ. އެކަމަކު އެޕްރީލްގައި ލިބޭނު އަދަދަކީ އޭޕްރީލްގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 11.2 ޕަސަންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު ލިބުނު މިއަހަރުގެ އޭޕްރީލް މަހުގެ މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، އާމްދަނީން ނަގާ ޓެކްސް، ރިޒޯޓުތަކުގެ ކުލި އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ. އަދި މިިދޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 15.1 ޕަސަންޓް އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށުން އާމްދަނީ ލިބުނު މައިގަނޑު ސަބަބަކީ ޖީއެސްޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަޕޯޓް ޓެކުހާއި ފީގެ ސުންގަޑިތަކަށް ޓެކްސް ދައްކާ ބައެއް ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކައިފައި ނުވުމެވެ.

މީރާ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި މިދިޔަ އޭޕްރީލް ދެވަނަ ދުވަހަށް ފަސްކޮށްދިން ނަމަވެސް ޓެކްސް ދައްކާ ގިނަ ފަރާތްތަކުން ރިސޯޓްތަކުގެ ކުލި މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދައްކާފައިވާ ކަމަށެވެ.

އޭޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 64.5 ޕަސަންޓް ނުވަތަ 1.20 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.5 ޕަސަންޓް ނުވަތަ 176.67 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 6.3 ޕަސަންޓް ނުވަތަ 116.49 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 5.1 ޕަސަންޓް ނުވަތަ 94.92 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ހަތަރު ޕަސަންޓް ނުވަތަ 75.14 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 10.6 ޕަސަންޓް ނުވަތަ 196.56 މިލިއަން ރުފިޔާ ވެސް ލިބިފައިވެ އެވެ.

މީރާއަށް މިދިޔަ އެޕްރީލްގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.35 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.