ކްރިމިނަލް ކޯޓް

ކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު 18،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ކުޑަކުއްޖެއްގެ ގައިގައި ޖެހުމުގެ ކުށް ސާބިތުވެ ފުލުހަކު ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފުލުސް އޮފިސަރު ޖޫރިމަނާކުރީ 18،000 ރުފިޔާ އިންނެވެ.

ފުލުސް މީހާގެ މައްޗަށް ދައުވާކުރީ އައްޑޫ ސިޓީގެ ފޭދޫގައި 2016 ވަނަ އަހަރު މަގުމަތީގައި ހުރި ރިފްލެކްޓަރެއްގައި ކުޑަަކުއްޖާ ޖެހުމުން ފުލުސް މީހާ އެ ކުއްޖާގެ ކަންކަށިމަތީގައި ޖަހައިގެންނެވެ.

ދައުވާއަށް ފުލުސް މީހާ އިންކާރުކުރުމާ ގުޅިގެން މައްސަލަ ސާބިތުކުރީ ހެކިންގެ ހެކި ބަހުންނެވެ. ދައުވާ ސާބިތުކުރުމަށް އެ ކުއްޖާގެ މެޑިކަލް ރިޕޯޓެއްވެސް ކޯޓަށް ހުށަހެޅި އެެވެ.

ފުލުސް މީހާ ކުރި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހެވެ. އެކަމަކު ފުލުސް މީހާ ހުރީ މިހާރުވެސް ވަޒީފާގައި ކަމަށްވެފައި އަދި އޭނާ މީގެކުރިން އިތުރު ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާތީ ފަނޑިޔާރު ނިންމެވީ ކުށުގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރުމަށެވެ.

ޖޫރިމަނާ ފައިސާ ދައްކަން ކޯޓުން ދީފައިވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.