ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިން މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސްގެ ހާއްސަ ސްކޮލާޝިޕެއް

މެރިޓް ސްކޮލާޝިޕްގެ ނަމުގައި އާ ސްކޮލާޝިޕް ސްކީމެއް މިއަހަރު ފެށުމަށް ގަސްދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލާޝިޕް ލިބޭނީ ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ. އަދި މިއީ އެ ދަރިވަރަކު ޔުނިވަސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ހާއްސަ ކުރާ ސްކޮލާޝިޕެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

"މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ސްކޮލާޝިޕްތަކާއި، ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީގީ މަގުސަދަކީ ޒަމާނީ ތައުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްގީކުރުން ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތް މިންވަރަށް ފުރުސަތުތަކާއި މިއިން ޒަމާނަކުވެސް ބޭރު ގައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލާޝިޕްގެ ފުރުސަތު މިހާރު ފަހިވެފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

"މި ސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުންނަށްވެސް އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ފުޅާވެ އިތުރުވެއްޖެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްްސަ ސްކޮލާޝިޕްގެ ލިއުން މިރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސް ސޯލިހް އެވެ. އަދި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި 18 ދަރިވަރަކަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހާަސިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްްސަ ސްކޮލާޝިޕް 17 ދަރިވަރަކު އަދި ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކު ހާސިލްކޮށްފައިވެ އެވެ.