ތުރުކީ އަކީ މިނިވަން އަދި އަމިއްލަކަން ލިބިގެންވާ ގައުމެއް ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. ތުރުކީ ސައިޒުކުރަން ހުޅަނގުން ވިސްނާ ވިސްނުން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތުރުކީއަށް ހުޅަނގުގެ ޕްރެޝަރު ބޮޑުކަމަށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ ހުޅަނގުން އެދިފައި ހުރި ހުރިހާކަމެއް ފުއްދައި ދެއްވުމަށް ގަސްދު ނުކުރައްވާ ކަމަށެވެ.
ރަޝިއާއަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކުގައި ތުރުކީ ބައިވެރިވުމަށް ހުޅަނގުން އެދޭ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އެހެން ނަމަވެސް، އެއީ ތުރުކީން ނުކުރާނެ ކަމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގައި މި މަހު 14 ގައި އޮތް ރިޔާސީ އިންތިޚާބުގައި އުރުދުޣާންއަށް ލިބިވަޑައިގަތީ 49.24 ޕަސެންޓް އެވެ. އިންތިޚާބު ކާމިޔާބުކުރައްވައި ރައީސްކަން ދެމެހެއްޓެވުމަށް މަދުވެގެން 50 ޕަސެންޓް ބޭނުންވެ އެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއް ގޮތުގައި ވާދަކުރައްވާ ކަމާލް ކިލިޖްދަރޫޣުލޫއަށް ލިބިވަޑައިގެންފައި ވަނީ 45،07 ޕަސެންޓް އެވެ. އިންތިޚާބުގެ ނަތީޖާ މިހެން އޮތުމުން ތުރުކީގެ ސްޕްރީމް އިލެކްޝަން ކައުންސިލުން މިހާރު ވަނީ މި މަހު 28 ގައި ދެވަނަ ބުރެއް ބާއްވާ ގޮތަށް ކަނޑައަޅާފަ އެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބުގައި އުރުދުޣާންއާ ވާދަކުރައްވާ ކަމާލް އަކީ އުރުދުޣާންއަށް ވުރެ ހުޅަގަށް އިތުބާރުކުރައްވާ ބޭފުޅެކެވެ. އޭނާގެ ވިސްނުމަކީ ހުޅަނގަށް ބަރޯސާކޮށް -- ތުރުކީއަށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަށް ހުޅަނގަށް އިތުބާރު ކުރެއްވުމެވެ.
ހުޅަނގަށް އިތުބާރުކުރެއްވި ނަމަވެސް ރަޝިއާއާ އެކު މިހާރު ވެސް އޮތް ގާތް ގުޅުން އެ ގޮތުގައި ދަމަހައްޓަވާނެ ކަމަށް ކަމާލް ވިދާޅުވެ އެވެ.
އެހެން ނަަމަވެސް، ރިޔާސީ އިންތިޚާބު ހިންގަމުން ދިޔައިރު -- ނިޒާމީ ބައެއް ކަންކަމުގެ ތެރެއަށް ރަޝިއާ ވަދެފައިވާ ކަމަށް ކަމާލް ތުހުމަތު ކުރެއްވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ރަޝިއާއާ އެކު ގާތް ގުޅުން ދަމަހައްޓަވާނެ ކަމަށް ކަމާލް ވިދާޅުވާއިރު ރަޝިއާއަށް ފާޑުކިޔައި ބަދުނާމުކުރުން ބުއްދިވެރި ކަމަކަށް ނުވާނެ އެވެ.
އުރުދުޣާން އަދި ވިދާޅުވީ ހުޅަނގު ރުއްސުމަކީ ތުރުކީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ތުރުކީ މިހާރު އޮތީ އެންމެ ހެޔޮ ހިސާބުގައި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ހުޅަނގުގެ ގައުމުތަކާއި ރަޝިއާ އަދި ޗައިނާއާ އެކު ހެޔޮވަރު ގުޅުމެއް ދެމެހެއްޓިފައި އޮތް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.