އެމެރިކާގައި އުފައްދާ އެފް-16ގެ ފައިޓަރު ޖެޓްތައް ޔުކްރޭނަށް ފޮނުވަން އެކުލަވާލާ ގައުމުތަކުގެ ތެރޭގައި ޖަރުމަނުގެ ނަން ނޯންނާނެ ކަމަށް އެ ގައުމުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.
ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި އެފް-16ގެ ފައިޓަރު ޖެޓްތައް ޔުކްރޭނަށް ފޮނުވެން ނެތީ ޖަރުމަނުގައި އެ މަރުކާގެ ފައިޓަރު ޖެޓްތައް ނެތުމުންނެވެ.
ޖަޕާންގެ ހީރޯޝިމާގައި އޮތް "ޖީ ސެވަން" ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ޖަރުމަނުގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ޗާންސެލަރު ވިދާޅުވީ ޔުކްރޭނަށް އެހެނިހެން ގޮތްތަކުން ޖަރުމަނުން އެހީތެރިވާނެ ކަމަށެވެ.
ޗާންސެލަރު ވިދާޅުވީ އިންސާނީ އެހީތެރިކަމާއި ހަތިޔާރު ފޮނުވުން ފަދަ އެހީތައް ޖަރުމަނުން މިހާރު ވެސް ޔުކްރޭނަށް ފޯރުކޮށްދޭ ކަމަށެވެ.
ޔުކްރޭނަށް އެފް-16ގެ ފައިޓަރު ޖެޓްތައް ފޮނުވުމުގެ ކުރިން އެ ބޯޓުތައް ދުއްވާނެ ޕައިލެޓުން ތަމްރީންކުރުމުގައި ޖަރުމަން އެހީތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަޝިއާއަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމަކީ ޖަރުމަނުން ތާއީދުކުރާނެ ކަމެއް ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.
ޔުކްރޭނަށް އެފް-16ގެ ފައިޓަރު ޖެޓްތައް ފޮނުވައި ޖެޓްތައް ދުއްވާނެ ޕައިލެޓުން ތަމްރީންކުރާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އަދި ޕައިލެޓުން ތަމްރީންކުރުމަށް އެހީތެރިވާން އެދޭ ޔޫރަޕްގެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖޯ ބައިޑަން ވެސް ވަނީ ވިދާޅުވެފަ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް މައިތިރިކުރުމަށް ހުޅަނގުގެ ގައުމުތަކުން ތިބީ ފޫގަޅާފަ އެވެ. ޔުކްރޭނަށް ހަތިޔާރާއި އަސްކަރީ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ އާއި ޔޫރަޕުން ވަނީ އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްފަ އެވެ.
އެހެންނަމަވެސް، މިއިން އެންމެ ފައިސާ ފޮއްޗަކީ ވެސް ޔުކްރޭނަށް ހިލޭ ދޭ އެހީއެއް ނޫންވެ. މީގެ ބަދަލު ކޮންމެވެސް ދުވަހަކުން ޔުކްރޭނުން ދައްކަން ޖެހޭނެ އެވެ.