މޯލްޑިވްސް ޕޮލިސް ސާވިސް

ވައްކަން ކުރި މީހާގެ ގައިގައި ދަވާދުލީ މީހުން ހޯދަނީ

މާފަންނުގައި ހުރި ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނާ މީހާ އާއި އެ މީހާގެ ހަށިގަނޑަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ގުރޫޕަކުން ވަނީ ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނާ މީހާ މަގުމައްޗަށް ނެރެ އެމީހާ ލައިގެން ހުރި ގަމީސް ނުވަތަ ޓީޝާޓު ބާލުވާ މުޅި ގައިގައި ހުދުކުލަ ނުވަަތަ ހުދު ދަވާދު އުގުޅާފަ އެވެ.

މިމަންޒަރުތައް ފެންނަ ވީޑިއޯއެއް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މިމައްސަލައި އާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާފަންނުގައި ހުރި ފިހާރައަކުން ވައްކަން ކުރި މީހަކު ހިފަހައްޓައިގެން އުޅޭ ކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މައްސަލަ ރިޕޯޓްކުރުމާ އެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖުތައް ބަލައި ވައްކަން ކުރި ކަމަށް ބެލެވޭ މީހާ އާއި އޭނާއާ މެދު މި އަމަލު ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށެވެ.

ތަފާތު ކުށްކުށުގައި އާންމުންނަށް އަތުލައިގަނެވޭ މީހުން ކަމާ ގުޅޭ އިދާރާތަކާ ހަވާލުކުރުމުގެ ބަދަލުގައި މަގުމަތިން އެމީހުންނަށް އަނިޔާކޮށް ގެއްލުން ދިނުމުގެ އަމަލުތައް ދަނީ އާންމުވަމުންނެވެ.