އެމްއެމްޕީއާރުސީ އޮޑިޓު ރިޕޯޓް

އެމްއެމްޕީއާރްސީއަށް ހިޔާނަތް ހިންގުނީ އަދީބަށް ފިޔަވަޅު ނޭޅީމަ: އޮޑިޓް

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް ބޮޑެތި ހިޔާނަތްތައް ހިންގުނީ، 2014 ވަނަ އަހަރު އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ހާއްސަ، ރިޕޯޓްގައިވާ ކަންތައްތަކަށް ފިޔަވަޅު އެޅިފައިނުވުމުން ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. އޮޑިޓް އޮފީހުން މިހެން ބުނެފައިވަނީ، އެ އޮފީހުން އާންމު ކުރި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހާއްސަ އޮޑިޓް ރިޕޯޓްގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އެކުލަވާލި މި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ކޮރަޕްޝަންގެ ސަބަބުން 79.37 މިލިއަން ޑޮލަރު ވަނީ ގެއްލިފަ އެވެ.

އެ އޮފީހުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ނެރުނު އޮޑިޓް ރިޕޯޓްގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ގޮތަށް އެމްއެމްޕީއާރްސީ މެދުވެރިވެގެން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފައިސާތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ގަފޫރުގެ އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ދީފައިވާކަން ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް 2014 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށްފައިވީ ނަމަވެސް ސަރުކާރުގެ ކުންފުނިތައް ހިނގާނުހިނގާ ގޮތް ބަލައި ޖަވާބުދާރީކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަރާތްތަކުންނާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން އެ ކަންކަމުގައި ޝާމިލުވި ފަރާތްތައް ޖަވާބުދާރީކުރުވައި އިސްލާހީ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް މިއަދު އޮޑިޓް އޮފީހުން ނެރުނު އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެމްއެމްޕީއާރްސީއަށް ބޮޑު ހިޔާނާތެއް ކުރުމުގެ މަގުފަހިވެގެން ދިޔައީ، ފިޔަވަޅުތައް އަޅާފައިނުވުމުން ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.

ދެހާސް ސަދާވަ ވަނަ އަހަރު އަދީބުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކޮށް، އޮޑިޓް ރިޕޯޓެއް ނެރެނުއިރު ރިޕޯޓު އާންމުކުރި ދުވަހު އޭރުގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމް ވަނީ ގާނޫނަށް ބަދަލުގެނެސް އޮޑިޓާ ޖެނެރަލްގެ މަގާމުން ނިޔާޒު ވަކިކޮށްފަ އެވެ. އެ ރިޕޯޓާ ގުޅިގެން ނިޔާޒު ވިދާޅުވެފައިވަނީ އަދީބުގެ މައްސަލަތައް ބެލިއިރު ޖެހުނީ އާނު ގަނޑެއްގައި ކަމަށާއި ދެން ޖެހުނީ ގޮއްވާލަން ކަމަށެވެ. އެ ރިޕޯޓާއެކު ނިޔާޒަށާއި ނިޔާޒުގެ އާއިލާ މެމްބަރުންނަށް މަރުގެ އިންޒާރުތައް ވެސް ލިބުނެވެ. އެ ރިޕޯޓްގެ މައުލޫމާތުތައް ރައީސްގެ އަތްޕުޅަށް ވެސް އޭރު އޮޑިޓަ ޖެނެރަލް އެރުއްވި އެވެ.

އޭރު އަދީބުއަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެ މައްސަލަ ތަހުގީގުކޮށްފައިވެސް ނުވެ އެވެ.