ދުނިޔެ

އުރުދުޣާންއަށް ދެވަނަ ބުރުގައި ތިންވަނަ ކެންޑިޑޭޓު ތާއީދުކުރައްވާނެ

ތުރުކީގައި މި މަހު 14 ގައި އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ސިނާން އަވްޖާން، ރައީސް ރަޖަބް ތައްޔިރު އުރުދުޣާން އަށް ބައިއަތު ހިއްޕަވައިފި އެވެ.

މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާކުރެވޭ ގޮތެއް ނުވި އެވެ. އެއީ ވޯޓުގެ 50 ޕަސެންޓް އެއްވެސް ކެންޑިޑޭޓަކަށް ލިބިވަޑައި ނުގަތުމުންނެެވެ.

ތުރުކީގެ ސްޕްރީމް އިލެކްޝަން ކައުންސިލުން މިހާރު ނިންމާފައިވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް މި މަހު 28 ގައި ބޭއްވުމަށެވެ.

ސިނާން އަވްޖާންގެ ތާއީދާ އެކު އުރުދުޣާންއަށް މި އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ނޫސްވެރިންނާ މުޚާތަބުކުރައްވައި ސިނާން ވިދާޅުވީ ޕީޕަލްސް އޭލިއަންސުން ވާދަކުރައްވާ ކެންޑިޑޭޓް، އުރުދުޣާންއަށް ތާއީދުކުރެއްވުމަށް މަޝްވަރާކުރައްވައި ލިޔެކިޔުންތަކުގައި ސޮއިކުރައްވައި އޭނާ އަހުދުވެ ވަޑައިގެންފި ކަމަށެވެ.

ސިނާން ވަނީ ފުރަތަމަ ބުރުގައި އޭނާއަށް ވޯޓު ދެއްވި ހުރިހާ މީހުން ދެވަނަ ބުރުގައި އުރުދުޣާންއަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުރުދުޣާންއަށް ތާއީދުކުރަން ނިންމެވީ މަޝްވަރާތަކަކަށް ފަހު އެވެ. އެހެންކަމުން އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުގައި ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. އެއީ ވޯޓުގެ 49.51 ޕަސެންޓެވެ. ވޯޓުގެ 44.88 ޕަސެންޓް ހޯއްދަވައި ދެވަނައިގައި ވާދަކުރައްވަނީ ހަ ޕާޓީއެއް އެކުވެގެން އުފައްދާފައި އޮތް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކަމާލް ކިލިޖްދަރޫޣުލޫ އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ދެވަނަ ބުރުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކަށް ވާނީ ފުރަތަމަ ބުރުގައި ތިންވަނަ ލިބިވަޑައިގެންނެވި ސިނާން އަވްޖާން އެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 5.17 ޕަސެންޓެވެ. ސިނާންގެ ނުފޫޒު ގަދަވަނީ އޭނާގެ ތާއީދު ނުލިބި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަސޭހަ ނުވާނެތީ އެވެ.

ދެވަނަ ބުރުގައި އުރުދުޣާން އާއި ކިލިޖްދަރޫޣުލޫ ވާދަކުރައްވާއިރު މަސްރަހަށް މިއައި ބަދަލާ އެކު އުރުދުޣާންއަށް 50 ޕަސެންޓް ލިބިވަޑައިގަންނަވާނެ ކަމަށް ވަަރަށް ބޮޑަށް ބެލެވެ އެވެ.