ހަބަރު

ކުންފުނިތަކެއްގެ ނަމުގައި ވަގު ސިޓީތަކެއް ވެސް އެމްއެމްޕީއާރްސީއިން ހަދާފައިވޭ

އަމިއްލަ ކުންފުނިތަކެއްގެ ނަމުގައި ވަގު ސިޓީތަކެއް މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ހަދާފައިވާކަން ފަޅާއަރައިފި އެވެ. މިކަން ފަޅާއަރާފައިވަނީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓުންނެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އަމިއްލަ ކުންފުންޏެއްގެ ނަމުގައި އެ ސިޓީތައް ހަދާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ ހިއްސާ އޮންނަ މިލެނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެމްއެމްޕީއާރްސީއިން ދޫކުރި 7.50 މިލިއަން ޑޮލަރު އަނބުރާ ދެއްކި ކަމަށް ބުނެ، ހިސާބުތަކަށް އޮޅުވާލުމުގެ ގޮތުންނެވެ. އެމްއެމްޕީއާރްސީއަށް މިލޭނިއަމުން ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން 1.10 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށް ހެދުމަށް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އެގޮތުން ޑޮލަރު ގަތުމުގެ މުއާމަލާތާ ގުޅިގެން މިލެނިއަމުން އެމްއެމްޕީއާރްސީއަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެެރެއިން 1.10 މިލިއަން ޑޮލަރު އަނބުރާ ދެއްކި ކަމަށް ހެދުމުގެ ގޮތުން ދ. މާގައު ކުއްޔަށް ނެގި ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ފީގެ ގޮތުގައި ނިއު މޫޑް ރިސޯޓްސް ޕްރައިވެޓް ލިމިޑެޓް (ނިއު މޫޑް)އިން އެމްއެމްޕީއާރްސީއަށް 15 މެއި 2014 ވަނަ ދުވަހު ދީފައިވާ 2.25 މިލިއަން ޑޮލަރުގެ ތެރޭގައި މިލެނިއަމުން ދައްކަންޖެހޭ 1.10 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ހަދައި އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

މިލެނިއަމުން އެމްއެމްޕީއާރްސީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 1.10 މިލިއަން ޑޮލަރު މިލެނިއަމްގެ ފަރާތުން ދައްކަނީ ނިއު މޫޑުން ކަމަށް ބަޔާންކޮށް ނިއު މޫޑުގެ ނަމުގައި ތައްޔާރުކޮށްފައިވާ ސިޓީއެއް އެމްއެމްޕީއާރްސީއިން އޮޑިޓް އޮފީހަށް ދީފައިވާ ކަމަށް އޮޑިޓްގައިވެ އެވެ. ނަމަވެސް އެ ރިޕޯޓްގައި ބުނެފައިވަނީ ނިއު މޫޑުން ފައިސާ ޖަމާކޮށްފައިވަނީ މިލެނިއަމުން އެމްއެމްޕީއާރްސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނޫން ކަމަށް ނިއު މޫޑުން އޮޑިޓް އޮފީހަށް ޔަގީންކޮށްދީފައިވާ ކަމަށެވެ.

އަދި ނިއު މޫޑުން އެމްއެމްޕީއާރްސީއަށް ފައިސާ ޖަމާކޮށްފައިވަނީ ހަމައެކަނި ދ. މާގައުގެ ކުއްޔަށް ނަގާ ފީ ދެއްކުމަށް ކަމަށާއި އެ ފައިސާއަކީ އެހެން ކުންފުންޏެއްގެ ފަރާތުން ދެއްކި ފައިސާއެއް ކަމަށް ބުނެ އެމްއެމްޕީއާރްސީއަށް ސިޓީތަކެއް ފޮނުވާފައިނުވާނެ ކަމަށް ނިއު މޫޑުން ވަނީ ބުނެފަ އެވެ.

ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ޅ. އަތޮޅުން ދޫކޮށްފައިވާ ރަށެއްގެ ކުއްޔަށް ދޫކުރާ ފީގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ބޭނުންކޮށްގެން މިލެނިއަމުން އެމްއެމްޕީއާރްސީއަށް ހަތަރު މިލިއަން ޑޮލަރު ފިޔަވައި އެހެން އެއްވެސް ފައިސާއެއް ޑޮލަރު ގަނެ ވިއްކުމާ ގުޅިގެން މިލެނިއަމުން އެމްއެމްޕީއާރްސީއަށް ދައްކާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ދ. މާގައު ކުއްޔަށް ދޫކުރި ފީގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބިފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތާ ގުޅިގެން މިލެނިއަމުން ދައްކަންޖެހޭ ފައިސާއިން ބައެއް ދެއްކުމަށް ލިބިފައިވާ ފައިސާ ކަމަށް ހަދައި، އަސްލުނޫން ލިޔެ ކިޔުންތަކެއް ނިއު މޫޑުގެ ނަމުގައި ތައްޔާރުކޮށް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.