ރައްޔިތުންގެ މަޖިލިސް

ކޮމިޓީތައް އެކުލަވާލަން އެއްބަސްވުމަކަށް ނާދެވުނު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގައި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންތަކެއް އެޕާޓީން ވަކިވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް އަލުން މެންބަރުން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިޔާސީ ޕާޓީތަކާއެކު އިއްޔެ މަޝްވަރާކުރި ނަމަވެސް ހުރިހާ ޕާޓީތަކުގެ އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ އަލުން އަނބުރާ މިއަދު 10:30ގައި ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންތަކެއް އެޕާޓީން ވަކިވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އެމްޑީޕީން ވަކިވި މެންބަރުން އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމުން މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުން އެ މެންބަރުން ވަނީ އުނިކޮށްފަ އެވެ.