ދަ ޑިމޮކްރެޓްސް

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ ޓީމުން އުފައްދަން އުޅޭ ސިޔާސީ ޕާޓީ -- "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ މުއައްސިސް ކަމުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމަކަށްފަހު "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދިނުމަށް ނިންމާ ކޮމިޝަނުން މިއަދު ވަނީ ހަސަން ލަތީފަށް އެކަން އަންގާފަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް މިއަދު ފެށުމަށް "ދަ ޑިމޮކްރެޓްސް" އިން ވަނީ ނިންމާފަ އެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރެވުމާ އެކު ލަސްނުކޮށް ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅުމަށްވެސް "ދަ ޑިމޮކްރެޓްސް" އިން ވަނީ ނިންމާފަ އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނު ގޮތާ ގުޅޭގޮތުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ނިކުތީ ހިތްހަމަނުޖެހޭ ސިފަތަކެއް ހުރުމުން ކަމަށެވެ. އަދި އެ ސިފަތައް ދެން އިސްލާހުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތުމުން ކަމަށެވެ.

"އެންމެ ފުރަތަމަ އުފެދުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ހަގީގަތުގައި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް، ސިފަތައް އަށަގެންނެވުމަށް އުފެއްދި ޕާޓީ. އެހެންނަމަވެސް މަޑުމަޑުން އެ ސިފަތަކާ ދުރަށްޖެހި ޑިމޮކްރަސީގެ އެންމެ އަސާސީ ކަންކަން އެއީ މަޝްވަރާ އާއި ބައިވެރިކުރުމާއި ބައިވެރިވުމާއި އަދި ހަމައެހެންމެ ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުން. އެ ސިފަތައް ނެތިދާތީ އެއީ ރާއްޖޭގެ ޒުވާނުންނަށް ހައްގު މިންވަރެއް ނޫން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށްފަހު "ދަ ޑިމޮކްރެޓްސް"ގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ އެ ޕާޓީގެ އަސާސަކަށް ވާނީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުން ކަމަށެވެ.

"މި ޕާޓީގެ އެންމެ ބޮޑު އަސާސަކަށްވާނެ ސިފައަކަށްވާނެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިކުރުމާއި ބައިވެރިވުން ޔަގީންކުރުން. އެންގޭޖްވާނެ، އެންގޭޖްކުރާނެ އަދި އެހެން މީހުންގެ އެންގޭޖްމަންޓު އަޅުގަނޑުމެން ހޯދާނެ،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވެސް އަދި ހަސަން ލަތީފްވެސް ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އަދި ރައީސް ނަޝީދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް މިއީ ރައީސް ނަޝީދާ ގުޅިފައި އޮތް ޕާޓީއެއް ކަމަކަށް އެ ބޭފުޅުން ދޮގެއް ނުކުރައްވަ އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.