މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ދެ ދުވަހަށް އޮންލައިން ހިދުމަތްތައް މެދުކެނޑިދާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ކުރިއަށް އޮތް ދެ ދުވަހަށް މެދުކެނޑިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ މިހާރު ހިންގަމުންދާ އުމަރު ޒާހިރު އޮފީސް އިމާރާތަށް ކަރަންޓު ދިނުމަށް އިމާރާތުގެ ބޭރުގައި ބަހައްޓާފައި ހުރި ވަގުތީ އޮއިލް ޓްރާންސްފޯމަރ،ު ޑްރައި ޓްރާންސްފޯމަރަކަށް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް މިމަސައްކަތް ކުރަމަށް ހަމަޖެހިފައިވާތީ އެ ވަގުތުތަކުގައި މިނިސްޓްރީން ކަރަންޓް ކެނޑިފައި ހުންނާނެތީވެ ހިދުމަތް މެދުކެނޑިދާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންކަމުން މި ދެ ދުވަހު އެ މިނިސްޓްރީން ކަރަންޓު ކެނޑިފައި ހުންނަވަގުތު ތަކުގައި މިނިސްޓްރީގެ ހިދުމަތްތައް މެދު ކެނޑިގެން ދާނެއެވެ.

"މިކަމާގުޅިގެން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ،" މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އަކީ ދަތުރުފަތުރާ ގުޅޭ ވަރަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް އޮންލައިންކޮށް ދޭ މިނިސްޓްރީ އެކެވެ.