އެމްއެމްޕީއާރުސީ އޮޑިޓު ރިޕޯޓް

އެމްްއެމްޕީއާރުސީގެ ފައިސާތައް ލިބުނު! ބަހާލައި ހުސްކޮށްފިން: އެސްއޯއެފް

Feb 7, 2016

އެމްއެމްޕީއާރުސީ އިން ގެއްލުނު އެއް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެ ފައިސާ ރައްދު ކޮށްދޭން ޖެހޭ ފަރާތްތަކަށް ރައްދު ކޮސްދީފައިވާނެ ކަމަށް، އެ ފައިސާތައް ޖަމާކުރި ކަމަށް އޮޑިޓްގައި ބުނާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް އިން މިރޭ ބުނެފި އެވެ.

އޮޑިޓް ރިޕޯޓްގައި އެސްއޯއެފް އަށް ކުރި ތުހުމަތުތަކަށް ރައްދު ދެމުން މިރޭ ނެރުނު އެއް ސޮފްހާގެ ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ އިން އެ ކުންފުންޏަށް ފައިސާތަކެއް ޖަމާކޮށްފައި ވަނީ އެ ކުންފުންޏާ އެކު ކުރެވުނު އެގްރިމަންޓެއްގެ ދަށުން ކަމަށެވެ. އަދި އެ އެގްރިމަންޓާ އެއްގޮތަށް، އެ ފައިސާ ފޮނުވި ފަރާތުން ބުނި މީހުންނަށް އެ ފައިސާތައް ޖަމާކޮށް ދީފައިވާނެ ކަމަށް އެސްއޯއެފް އިން ބުންޏެވެ. އަދި އެ މުއާމަލާތްތައް ހިންގާފައި ވަނީ ޗެކުގެ ޒަރިއްޔާ އިން ކަމަށް ވާތީ، އެފައިސާ ލިބިފައި ހުރި އެކައުންޓްތައް ހޯދޭނެ ކަމަށް ވެސް އެސްއޯއެފް އިން ބުންޏެވެ. އެ ކުންފުނިން ބުނަނީ އެ ފައިސާ ޖަމާކުރީ ރައީސްގެ ދެކަނބަލުންގެ އެކައުންޓަށާއި ޕީޕީއެމްގެ އެކައުންޓަށާއި އެ ޕާޓީއާ ގުޅިފައިވާ ސިޔާސީ އެކި ފަރާތްތަކާއި މަޖިލީހުގެ މެންބަރުންގެ އެކައުންޓްތަކަށެވެ.

"އެއިން އެއްވެސް ފައިސާއެއް މި ކުންފުނީގެ ނުވަތަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނުވަތަ އެއްވެސް ހިއްސާދާރަކާއި ހިއްސާދާރެއްގެ އަތުގައި ނުވަތަ އާއިލާގެ މެމްބަރެއްގެ އަތުގައި ބެހެއްޓިފައި ނުވާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ. އެހެން ބުނި ނަމަވެސް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުއްލިއަކަށް އެސްއޯއެފްގެ ވިޔަފާރިތައް ވަރަށް ބޮޑަށް ފުޅާކޮށްފައިވެ އެވެ. އެގޮތުން ތެޔޮ ވިއްކުމާއި ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން މާލޭގައި ހިންގުމާއި އިމާރާތް ކުރުމުގެ ދާއިރާ އަދި ރިސޯޓް ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.

އެސްއޯއެފް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަރަށް ގާތް، މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އައްލާމް ލަތީފު، މޮހޯ ގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. ހިބަޅިދޫ ކިޔާ ފަޅުރަށަކުން ފެނުނު ހަތިޔާރު ތަކެއްގެ މައްސަލައިގައި މޮހޯ ހޯދަން ފުލުހުން ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ. އޭނާ ދިރިއުޅެނީ ޔޫކޭގައި ކަމަށް އަޑު ފެތުރިފައި ވީ ނަމަވެސް އޭނާ ހައްޔަރުކޮށްގެން އަދި ރާއްޖެ ގެނެވިފައެއް ނުވެ އެވެ.

ތުހުމަތުތަކުން ބަރީއަވާން ވެގެން އެސްއޯއެފް އިން ނެރުނު ބަޔާނުގައި، ފައިސާތަކުގައި އެކުންފުނިން ނުޖެހޭނެ ކަމަށް ބުނި ނަމަވެސް އޭގެ ހެއްކެއް ދައްކާފައެއް ނުވެ އެވެ. އަދި އެ ކުންފުނިން އެކަމާ ގުޅުން ހުރި ލިޔެކިޔުމެއް ވެސް އާންމު ކޮށްފައެއް ނުވެ އެވެ. ކުރީގެ ނައިބު ރައީސް އަދީބު ބުނި ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕާރުސީ އިން އެ ކުންފުންޏަށް ފޮނުވި ފައިސާ އަކީ، ޕީޕީއެމްއަށް އެކި ފަރާތްތަކުން ދިން ހަދިޔާ ކަމަށެވެ.

އެސްއޯއެފް އިން ވަނީ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލައިފަ އެވެ. އެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެސްއޯއެފް އިން ބުންޏެވެ. އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން އޭގެ މިނިވަން ތަހުގީގެއް އެކުލަވާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، އެމްއެމްޕީއާރުސީގައި ހިންގި ހިޔާނާތުގެ ޖުމްލަ 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ޖަމާ ކުރީ އެސްއޯއެފްގެ އެކައުންޓަށެވެ. އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ ޑޮލަރު ގަތުމަށް ދޭ ފައިސާގެ ނަމުގަ އާއި ލޯނުގެ ގޮތުގަ އާއި ވަކި ކަމެއް ސާފު ނުވާ ކަންތައްތަކުގެ ގޮތުގަ އެވެ. އެ ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީއަށް ދީފައި ހުރި ޗެކްތަކުގެ ފަހަތުގައި އެ ކުންފުނިގެ އެމްޑީ އަބްދުﷲ ޒިޔަތު ސޮއިކޮށް އެންޑޯޒްކޮށްގެންނެވެ.

އެސްއޯއެފް އިން ބުނީ އޮޑިޓްގައި ވަރަށް މުހިންމު ބައިތަކެއް ފޮރުވާފައިވާ ކަމަށެވެ. އަދި އެކަންތައްތައް ހާމަ ކުރަން ޖެހޭ ކަމަސް ބުނެފައިވެ އެވެ.