ރައްޔިތުންގެ މަޖިލިސް

މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވެރިކަން ކުރާ ކޯލިޝަންްގެ މައި ޕާޓީ -- އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

މުހުސިން އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ސޯލިހް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފ. ނިލަންދޫގައި މިކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މުހުސިންގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ސޯލިހް އެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ބައެއް މަޖިލިސް މެންބަރުންނާއި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ވަރުގަދަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ނިލަންދޫގެ ބައެއް މީހުންވެސް މިއަދު އެމްޑީޕީއަށް ސޮއިކޮށްފައިވެ އެވެ.

މުހުސިން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

މެންބަރު މުހުސިން އެމްޑީޕީއަށް ސޮއި ކުރެއްވުމާ ގުޅިގެން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 54 އަށް އިތުރުވާނެ އެވެ.