މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގު ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މި ތިން މީހުން ހަައްޔަރުކުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާ އަދި 31 އަހަރުގެ އަންހެނެކެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި ތިން މީހުންގެ ބަންދަށް 10 ދުވަސް ދީފަ އެވެ. މިމުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އަންހެން މީހާގެ ބަންދަށް 15 ދުވަސް އަދި 28 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވެ އެވެ. އަދި 32 އަހަރުގެ މީހާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ތިން މީހުން ހައްޔަރުކުރީ ކޮން ތަނަކުން ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ކަމަށް ފުލުހުން ނުބުނެ އެވެ. މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.