އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ޗެއާމަން މައުސޫމު އިސްތިއުފާ ދެއްވައިފި

އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުން މައުސޫމު އިސްްތިއުފާ ދެއްވާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުންވެސް ޔަގީންކޮށްދީފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ފެން ކުންފުނީގެ ޗެއާމަނަކަށް މައޫސުމު ހަމަޖެއްސެވީ ޖެނުއަރީ 2019 ގައެވެ.

މައުސޫމް އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީޕީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމުން އެފަދަ ބައެއް ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރަން ފަށާފައި ވަނިކޮށެވެ.

މައުސޫމު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވާފަ އެވެ.

މައުސޫމަކީ އެމްޑީޕީއަށް ހަރަދުކުރާ ކަމަށް ބުނާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.