މޯލްޑިވިއަން އައިޑޮލް

25 ކުދިން ކަޓައި މޯލްޑިވިއަން އައިޑޮލްގެ ރޭސް 16 އަށް

ކުރިއަށް އޮތް ރައުންޑްގައި ބެލުންތެރިންނަށް ވޯޓް ދެވޭނެ

މޯލްޑިވިއަން އައިޑޮލްގެ ތިއޭޓާ ރައުންޑު ހަފުތާ ބަންދުގައި ނިމުމަކަށް އައިއިރު ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ފެނިގެން ދިޔައީ ޔަގީނަށް ވެސް މި ޝޯގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ އެންޓަޓެއިނިން އަދި އެންމެ ވާދަވެރި ހުށަހެޅުންތަކެވެ. ޖުމްލަ 41 ބައިވެރިން ވާދަކުރި ތިއޭޓާ ރައުޑްގެ ދެ ބުރަށް ނިމުން އައިއިރު ބައިވެރިންގެ އަދަދު މި ވަނީ 16 އަށް ތިރިވެ ފޯރި އަދި ކުރިއަށް ވުރެ ގަދަކޮށްލައިފަ އެވެ.

ދަނގެތީގެ ހިތްގައިމު ބީޗަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގެނެސްދިން ތިއޭޓާ ރައުންޑްގެ ފުރަތަމަ ބުރުގައި 19 ލަވަކިޔުންތެރިޔަކު ކަޓައިގެންދިޔަ އިރު ރޭގެ އެޕިސޯޑުން ނިކަން ހުނަރުވެރި ހަ ބައިވެރިޔަކު ކަޓުވާލާފައިވެ އެވެ. މި ހަ ބައިވެރިންނަކީ ތިއޭޓާ ރައުންޑުގެ ފުރަތަމަ ބުރުން ސަލާމަތްވެ އުއްމީދު އާކޮށްގެން ތިބި ކުދިންނެނެވެ.

ނަމަވެސް ޝޯގެ ޖަޖުން ވެސް ފާހަގަކުރި ފަދައިން މޯލްޑިވިއަން އައިޑޮލް އަކަށް ހޮވެނީ މި އެންމެންގެ ތެރެއިން އެކަކު ކަމަށްވާއިރު ކޮންމެ ހަފުތާ ބަންދަކު ވެސް ހުނަރުވެރި އެތައް ލަވަކިޔުންތެރިންތަކެއް ޝޯއިން ގެއްލިގެންދާނެ އެވެ.

މި ޝޯގައި ދެން ކުރިއަށް އޮތީ ޕިއާނޯ ރައުންޑް އެވެ. މިއީ ޝޯގެ ފޯރި އެންމެ ގަދަވެގަންނަ ހިސާބު ކަމަށް ޝޯގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.

ފޯރި އިތުރަށް ގަދަވެގެންދާ ސަބަބަކީ ޕިއާނޯ ރައުންޑްގެ ބައިވެރިން ޝޯގައި ބޭތިއްބުމަށާއި ޝޯ އިން ކަޓުވާލުމަށް ނަގާ ވޯޓްގައި ބެލުންތެރިންނަށް ވެސް ބައިވެރިވެވޭތީ އެވެ. ޖަޖުންގެ 50 ޕަސެންޓް ވޯޓް ނަގާއިރު އަނެއް 50 ޕަސެންޓްގެ ބާރު އޮންނަނީ ބެލުންތެރިންގެ އަތުގަ އެވެ.

ޕޮޕް އައިޑޮލްގެ ފްރެންޗައިޒް ޝޯއެއްގައި ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔައިރު ގާތްގަނޑަކަށް 600އެއްހާ ކުދިން އޮޑިޝަންތަކުގައި ބައިވެރިވި އެވެ.

މޯލްޑިވިއަން އައިޑޮލްގައި ޖުމްލަ 30 އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ގްރޭންޑް ފިނާލޭ ޝޯ އޮންނާނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ޝޯ ގެނެސްދޭން ހަމަޖެހިފައި ވަނީ ލައިވްކޮށެވެ.