ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުން މިވަގުތު ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ ހަތަރު ދުވަސް ބަންދަށް ދީފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި ހަތަރު މީހުންނަށް ޝައްކު ކުރެވިގެން ހުއްޓުވީ އެމީހުންގެ އަމަލުތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތުގަ އެވެ. އަދި މި މީހުން އައިޖީއެމްއެޗަށް ގެންގޮސް ހަށިގަނޑު ސްކޭން ކުރިއިރު މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ބްލެޓްތަކެއް ފެނިފައިވާ ކަމަށްވެސް އަމުރުގައިވެ އެވެ.
ފުލުހުންނާއި ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނެ އެވެ.