އެލައިޑް އިންޝުއަރެންސް

ދޯނި އިންޝުއަކޮށްގެން އިންޖީނެއް ހޯދަން އެލައިޑުން ހުޅުވާލައިފި

އެލައިޑް އިންޝުއަރެންސް އަދި "އަޔާދީ ހަލް ތަކާފުލް" މެދުވެރިކޮށް އޮޑި ދޯނި ފަހަރު އިންޝުއާ ކޮށް އިންޖީނެއް ހޯދުމުގެ ފުރުސަތު އެލައިޑުން ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިއަދު އިފްތިތާހުކޮށް ހަސަން މެރިން އިންޖިނިއަރިން ސާވިސަސް އާއެކު އެލައިޑުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޕްރޮމޯޝަން އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދު ވިދާޅުވީ އޮޑި ދޯނިފަހަރު އިންޝުއަ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެން ނޫނީ ހާދިސާ އެއް ހިނގުމުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ.

"ގިނަ އޮޑިވެރިން ހުންނަނީ އޮޑި ދޯނިފަހަރު އިންޝުއަރެންސް ނުކޮށް. އެހެން ވުމުގެ ސަބަބުން އެލިބޭ ގެއްލުމުގެ ބަދަލު ނުލިބޭތީ އެފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ. މި ޕްރޮމޯޝަންގެ ބޭނުމަކީ އިންޝުއަރެންސް ކުރުމުގެ މުހިއްމުކަން ބުނެދިނުން." ނިޔާޒް ވިދާޅުވި އެވެ.

މީގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ ފަސް ސަރަަހައްދަކަށް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. ހއ. ހދ، ތ، ރ، އަދި ފ. އަތިޅަށް އަންނަ މާޗްމަހުން ފެށިގެން މި ދަތުރުތައް ކުރާއިރު އެ އަތޮޅުތަކުގެ ކޮންމެ ރަށަކަށް ފުރުމުގެ ކުރިން ދަތުރުގެ ތަފްސީލް އެރަށްތަކުގެ ކައުންސިލާއި ހިއްސާ ކުރަން އެލައިޑުން ވަނީ ނިންމާފަ އެވެ.

"އޮޑިދޯނިފަހަރު އިންޝުއަ ކުރާއިރު އެބަޖެހޭ އޮޑި ސާވޭކޮށް އަގުކުރަން. ރަށްރަށުގެ އޮޑިފަހަރަށް މާލެ އައިސް މިކަން ކުރަން ވަގުތު ދޭން ފަސޭހައެއް ނުވާނެ. އެހެންވެ އަޅުގަނޑުމެން ރަށްރަށަށް ގޮސް އޮޑި ސާވޭކޮށް އިންޝުއަރެންސް ޕޮލިސީ ވަގުތުން ދޭނަން" ނިޔާޒް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި އިނާމަކަށް ހަސަން މެރިން އިން ހުށަހެޅީ 85،000ރ. ގެ 30 ހޯސްޕަވަރު ހަތަރު ސްޓްރޯކް މާކިއުރީ އައުޓްބޯޑު އިންޖީނެކެވެ.

ހަލް އިންޝުއަރެންސް ޕްރޮމޯޝަނާއެކު މިމަހު 19 ގައި ފުވައްމުލަކުގައި ކައްޓެޅި މުބާރާތެއް ބޭއްވުމައްވެސް ވަނީ ހަމަޖައްސާފަ އެވެ.