އީޔޫ

ޔޫރަޕިއަން ޕާލިމަންޓުގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

ޔޫރަޕިއަން ޕާލިމަންޓުގެ އެމްއީޕީސްގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. ޔޫރަޕިއަން ޕާލިމަންޓުގެ ވަފުދަށް އެއާޕޯޓުން މަރުހަބާ ދެންނެވީ، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.

ޔޫރަޕިއަން ޕާލިމަންޓުގެ ވަފުދާ ގުޅޭގޮތުން، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެފައިވަނީ، އެބޭފުޅުން ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ރައީސްއާ ވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ރާއްޖެއަށް އައި މި ވަފުދުގެ ބޭފުޅުން ރާއްޖޭގެ ހާލަތު ދިރާސާ ކުރާނެ އެވެ. ސަރުކާރުން ވަނީ ޔޫރަޕިއަން ޕާލިމަންޓުގެ ވަފުދުގެ ދަތުރުތަކަށް މަރުހަބާ ކިޔާފަ އެވެ. އަދި ބުނެފައި ވަނީ ރާއްޖޭގެ ހާލަތު އިންސާފުވެރިކޮށް ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް ޔޫރަޕިއަން ޕާލިމަންޓުގެ ވަފުދެއް މިއަދު ރާއްޖެ އައިސްފައިވަނީ، އިއްޔެ ވަނީ ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް ސީމެގްގެ ވަފުދެއް ވެސް ރާއްޖެ އައިސްފަ އެވެ. އެ ވަފުދުން ރާއްޖޭގެ ހާލަތު މޮނީޓާކޮށް ކޮމަންވެލްތަށް ރިޕޯޓް ހުށަހަޅާނެ އެވެ. އެ ޓީމުން މާދަމާއާ ހަމަޔަށް ރާއްޖޭގައި މަސައްކަތް ކުރާނެ އެވެ.

ސީމެގްގެ ވަފުދުން މިއަދު ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ބައްދަލުކުރައްވާފަ އެވެ. އެ ވަފުދުން ސަރުކާރުގެ އިސް އެހެން ފަރާތްތަކާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.