އިބްރާހިމް ރިއްފަތު

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މިމައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރި އެވެ. ނަމަވެސް ބުދަ ދުވަހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހުގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދިއުން މަޑުޖައްސާލީ ގާނޫނީ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަންޖެހޭ ކަމަށް ވިދާޅުވުމަށްފަހު އެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ މަޖިލީހަށް ހާޒިރުވެވަޑައިގެން މަޖިލީހުގެ ތަޅުމުގަ އެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހަށް ހާޒިރުވެގެން ކަމަށްވިޔަސް އަދި ލިޔުމުންވިޔަސް ބަންޑާރަނައިބް އިހްތިޔާރު ކުރައްވާ ގޮތަކަށް ޖަވާބުދާރިވެވަޑައިގަތުމަކީ އޭނާއަށް އޮތް ގާނޫނީ ހައްގެކެވެ. އިދިކޮޅު މެންބަރުންވެސް އަދި ސަރުކާރަށް ތާއީދުކުރާ މެންބަރުންވެސް ސަބަބު ދައްކަވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެވެ. މި ދެ މާއްދާގައިވެސް އޮންނަނީ އެއް އިބާރާތެކެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އޭނާ މަޖިލީހަށް ޖަވާބުދާރީވެވެވަޑައިގަތީ ލިޔުމުންނެވެ. ނަމަވެސް މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެން އޭނާ މިހާރު ވަނީ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް އެދިވަޑައިގެން މަޖިލީހަށް ސިޓީ ފޮނުއްވާފަ އެވެ.

ބަންޑާރަނައިބް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންނާއި ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާ އެކު ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލަ އިޓްލޮސް އިން ނިންމިއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައި މި ދެ ބޭފުޅުން މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.