ރައްޔިތުންގެ މަޖިލިސް

އިދިކޮޅުން އެދެނީ ރިފްއަތު ގޯސް ހެދިކަމަށް އެއްބަސްވާން

Jun 5, 2023

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމަނިކުފާނު ގޯސް ހެދިކަމަށް އެއްބަސްވާން އިދިކޮޅު ޑިމާންޑްކޮށްފި އެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމަށްފަހު މިއަދުގެ ޖަލްސާއަށް ވަނީ އަލުން އެޖެންޑާކޮށްފަ އެވެ. މައްސަލަ އަލުން އެޖެންޑާކުރީ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމަށް ބަންޑާރަނައިބު ރިފްއަތު މަޖިލީހަށް ހާޒިރުވެވަޑައިގަތުމުންނެވެ. ބުދަ ދުވަހުގެ ޖަލްސާގައި ރިފްއަތު ޖަވާބުދާރީ ވެވަޑައިގެންނެވީ ލިޔުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ކުރިއަށް ގެންދަނީ އާ އެޖެންޑާ އައިޓަމެއް ކަމަށްވާތީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

މައްސަލަ ހުށަހެޅުމުގެ ފުރުސަތުގައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ބުދަ ދުވަހުގެ ޖަލްސާގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ޖަވާބު ދެއްވުމަށްފަހު މިއަދު ޖަވާބުދާރީވުމަށް މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނު އެ ދުވަހު ހެއްދެވީ ގޯހެއް ކަމަށް އެއްބަސްވެ ވަޑައިގަތުމަށް ގޮވާލާފަ އެވެ.

މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ކުރިން މައްސަލަ ހުށަހެޅިފައިވާކަން ފާހަގަކުރައްވާފަ އެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ތަކުރާރުކޮށް ފުރުސަތު އެރުވުމުންވެސް އާދަމް ޝަރީފް ވަނީ ބަންޑާރަނައިބު ރިފްއަތު ގޯސް ހެއްދެވި ކަމަށް އެއްބަސްވެ ވަޑައިގަތުމަށް ގޮވާލާފަ އެވެ.

އާދަމް ޝަރީފް މައްސަލަ ހުށަނޭޅުއްވުމުން ނިޒާމީ މައްސަލައެއް ނަންގަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ މައްސަލަ ހުށަހެޅުއްވުމަށް އާދަމް ޝަރީފް ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ މައްސަލަ އަނބުރާ ގެންދެވީ ކަމަށް ރިޔާސަތުން ބެއްލެވުމަށް ގޮވާލާފަ އެވެ.

މައްސަލައިގައި ޕާޓީއާ މަޝްވަރާކުރަން ބޭނުންފުޅުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވުމުން މަޖިލިސް ކުޑަވަގުތުކޮޅަކަށް މެދުކަނޑާލި އެވެ.

މަޖިލިސް އަލުން ފެށުމުންވެސް އިދިކޮޅު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ، ބަންޑާރަނައިބު ލިޔުމުން ޖަވާބު ދެއްވި މައްސަލައިގައި ގޯސް ހެއްދެވި ކަމަށް އެއްބަސްވެވަޑައިގަތުމަށް ގޮވާލާފަ އެވެ.