އިމްރާން އަބްދުﷲ

އިމްރާން ޖަލަށް ބަދަލުކުރުމުން އެމްޑީޕީ ކަންބޮޑުވެއްޖެ

އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ރޭގެ ދަންވަރުގެ ވަގުތެއްގައި އަލުން ޖަލަށް ގެންދިޔުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުން އިމްރާނުގެ ގެއަށް ވަދެ، އެމަނިކުފާނު ހައްޔަރުކޮށްގެން އަލުން ޖަލަށް ބަދަލުކުރި ކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ގެ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހުއްޓުމެއްނެތި ކުރިޔަށްދާކަމުގެ ހެއްކެއް ކަމަށާއި އެކަމަކީ ސަރުކާރަށް ފާޑުވިދާޅުވާ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލައި ބިރުދެއްކުމުގެ ގޮތުން ހިންގި ޢަމަލެއް ކަމަށެވެ.

"... އިމްރާން ޢަބްދުﷲ ގެ މައްޗަށް އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި ފަސް މަސް ދުވަސް ވަންދެން ޖަލު ހައްޔަރުގައި ބެހެއްޓުމާއި، އަދި އެއަށް ފަހު ގޭބަންދަށް ބަދަލުކޮށް ގޭބަންދުގައި ބެހެއްޓުމާއި އަދި ރާއްޖޭގެ ރައްޔިތުން ގަބޫލު ނުކުރާ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އަދި އެ ދައުވާގެ ޝަރީއަތް އިންސާފެއް ނެތް ގޮތަށް ހިންގަމުންދާކަމުގެ ފާޑުކިޔުންތައް އިންތިހާއަށް އޮތްއިރު، އިމްރާން ޢަބްދުﷲ ރޭގެ ދަންވަރުގެ ވަގުތެއްގައި އަލުން އަނބުރާ ޖަލަށް ގެންދެވި ގެންދެވުމަކީ އެމަނިކުފާނާ މެދު ނާއިންސާފުވުން އިންތިހާއަށް ގޮސްފައިވާކަން ހާމަވާކަމެކެވެ." އެމްޑީޕީގެ އެބަޔާނުގައި ވެ އެވެ.