ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލުމުން ޖަލްސާ ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންދުރުގެ ހުސްވަގުތުކޮޅަށްފަހުވެސް ކުރިއަށް ގެންދިޔައީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސެވެ.
ބަހުސް ފެށުމާއެކު އިދިކޮޅު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މެންބަރުން ކުރައްވާ ސުވާލުތަކަށް ބަންޑާރަނައިބު ރިފްއަތު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެފަ އެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ނުލިބި ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ވަނީ އަޑުގަދަ ކުރައްވާފަ އެވެ.
މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ވަނީ ބަންޑާރަނައިބަށް ލިބިވަޑައިގަންނަވާ ފުރުސަތުގައި ޖަވާބު ދެއްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ހަސަން އަފީފް ވަނީ މަޖިލިސް ކުރިއަށް ގެންދަން މެންބަރުން ފުރުސަތު ނުދެއްވާނަމަ މަޖިލިސް ހުއްޓާލަންޖެހޭނެ ކަމަށް ވިދާޅުވެ މަޖިލިސް ނިންމާލައްވާފަ އެވެ.