ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އައްޑޫ ދަތުރުފުޅު ނިންމަވާލައްވައިފި

Jun 5, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސް ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ މެންދުރު ކުރިއާ ހަމައަށް އައްޑޫގައި ރަސްމީ މަސައްކަތްތަކުގައި އުޅުއްވިއިރު އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ބޮޑެތި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވައި ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅުގައި އައްޑޫއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހްކޮށްދެއްވި އެވެ. މިމަޝްރޫއަކީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތުގެ ފެށުން ކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރަޙައްދީ އިގްތިސޯދުގެ މައި މަރުކަޒަކަށް އައްޑޫ ބަދަލުކޮށްލުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ރައީސް ފައްޓަވައި ދެއްވި އެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ގާތުން ބެއްލެވި އެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވަކިވަކިން ބައްދަލުކުރައްވައި އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ މުހިއްމު ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ. ރައީސްގެ އައްޑޫ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ވިލުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރަށް ވެސް ޒިޔާރަތް ކުރެއްވި އެވެ.