ހަބަރު

މާލޭގައި އުޅޭ މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރުން ކްރިމިނަލް ކޯޓަށް

Feb 7, 2016
1

ޖިނާއީ އެކި މައްސަލަތަކުގައި މާލޭ ސިޓީގައި ދިރިއުޅޭ މީހުން ހައްޔަރު ކުރުމުގެ ކޯޓު އަމުރު ނެރުމުގެ ކަންކަން ހަމައެކަނި ކްރިމިނަލް ކޯޓަށް ނެރެވޭ ގޮތަށް ހަމަޖައްސައި ސުޕްރީމް ކޯޓުން މިއަދު ސާކިއުލާއެއް ނެރެފި އެވެ.

އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވައި މިރޭ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ، ވިލިމާލެ އާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށް، "މާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރެންވާނީ ގާނޫނަކުން ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހަމައެކަނި ކްރިމިނަލް ކޯޓުން" ކަމަށެވެ. އެފަދަ ސާކިއުލާއެއް ނެރުމުގެ މަގުސަދެއް ކަމުގައި ބުނެފައި ވަނީ، ހަލުވިކަމާ އެކު އިންސާފު ލިބިދިނުމަށާއި އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުން ކަށަވަރުކުރުމުގެ މަގްސަދުގައި އެޅޭ ފިޔަވަޅުތަކަކަށް ނުވަތަ ނެރެވޭ އަމުރުތަކަށް ހެދުމަށް ކަމަށެވެ.

ހައްޔަރު ކުރުމުގެ އަމުރުތައް ނެރުމުގައި ރިމިނަލް ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ވެސް ސާކިއުލާގައި ހިމަނާފައިވެ އެވެ. އެ ކަންކަމަކީ؛

  • އަމުރުގެ މަގްސަދާއި ސަބަބު
  • އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ ތަން
  • އަމުރު ރައްދުވާ ފަރާތް ވަޒީފާ އަދާކުރާ ތަން
  • އަމުރު ނެރޭ ނަމަ އޭގެ ޟަރޫރަތްތެރިކަން އޮތް މިންވަރު
  • އަމުރު ނެރެންޖެހޭ ގާނޫނީ ހަމަތަކާއި އިޖުރާއަތާއި ސަބަބުގެ ސައްހަކަން
  • އަމުރު ދެމިއޮންނާނެ މުއްދަތު

މިފަދަ ސާކިއުލާއެއް ނެރުނު އިރު ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށް ގެން ރައީސް ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކަސް ބާރުއެޅި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ރޭގެ ވަގުތެއްގައި ނަޝީދު ވެސް ވަނީ އެކަމަށް ބާރުއަޅައި ވާހަކަ ދައްކައިފަ އެވެ.