ރަށްރަށުގައި ހުރި އިޖުތިމާއީ މައްސަލަތަކާ ދެކޮޅަށް ޖަމިއްޔާތަކުން ތެދުވެ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތައާރަފްކުރި އެވޯޑް ދިނުމަށް މިރޭ ސޯސަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާއީ މައްސަލަތައް ކަމަށެވެ. އިޖުތިމާއީ އެފަދަ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ދިވެހި މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިއްމު މަސައްކަތެއް. ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުވެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ އިޖުތިމާއީ ހާލަތަށް ރިއާޔަތްކޮށް، މި މައްސަލަތައް ހައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން މަސައްކަތް ކުރުން މިއަދު ހާލަތަށް ބަލާއިރު މުހިއްމު ކަމަށެވެ. އަދި ހަމަ އެއާއެކު މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީވެސް މިއަދު އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށެވެ.
އިޖުތިމާއީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަކީ ހާއްސަ ގޮތެއްގައި ޖަމިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަންވެސް ފާހަގަކުރެއްވި އެވެ. މިއީ މަދަނީ ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއް ކަމުގައިވެސް ހަނދާންކޮށްދެއްވި އެވެ. އަދި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ހާއްސަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިހަފްލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި ހަފްލާގައި "މީސް ޕޯޓަލް" އިފުތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ. އަދި އެންޖީއޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.
ރާއްޖޭގައި އަލަށް ތައާރަފް ކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަގުސަދުތަކުގެ ތެރޭގައި، އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމިއްޔާތައް އަދާކުރާ ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ހިދުމަތްތަކެއް ދޭ ޖަމިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުންވެސް މިރޭގެ ހަފްލާގައި ކުރިއަށް ދިޔަ އެވެ.