ހަބަރު

ބޮޑު ހިޔާނާތުގައި ހިމެނޭ އެންމެންނަށް ފިޔަވަޅު އަޅާނަން: ރައީސް

Feb 7, 2016
1
  • ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެ
  • މާލެ ހިތްފަސޭހަ ތަނަކަށް ހައްދަވައިދެއްވާނަން
  • ކޮންކްރީޓް ފާރުތަކެއްގެ ނިވަލުގައި ތިބޭކަށް ނުޖެހޭނެ

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގައި ޝާމިލްވާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މި އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ 1.22 ބިލިއަން ރުފިޔާގެ ކޮރަޕްޝަނަށެވެ.

މާފަންނުގައި ހެދި އާ ބީޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ތަރައްގީ އާއި ތަމައްދުން ހޯދަން އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ނަމަ ރާއްޖޭގެ އިގްތިސާދުގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެކަން ކުރެވިދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ އާއި ތަމައްދުން ހޯދައިދޭން ކުރަން ޖެހޭ ކޮންމެ ކަމެއް ހުރަސްތަކާ އެކުވެސް ކުރައްވާނެ ކަމަށެވެ. އަދި ތަރައްގީގެ ވާހަކަ ދައްކާ އިރު، ރާއްޖޭގެ ތާރީހުގައި ނުހިނގާ ވަރުގެ ބޮޑު ހިޔާނާތެއް ރައްޔިތުންގެ ފައިސާވެގެން ހިނގައްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ހިޔާނާތަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

"މި ފިޔަވަޅު މަތީގައި އަޅުގަނޑު ހުރެ ވާހަކަ ދައްކާ އިރު ގަބޫލު ކުރަން ޖެހޭ ރާއްޖޭގައި ތާރީހުގައި މިހާތަނަށް ހިނގި އެންމެ ކޮރަޕްޝަން ހިނގައިގެން ގޮސްފިއޭ. އެކަމުގައި ބައިވެރިވެ އެންމެންނަށް އަޅުގަނޑުމެންގެ ސަރުކާރުގައި ފިޔަވަޅު އަޅައި ހައްގު އަނދަބު ދޭނަން. އެޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ އަކީ ހަމައެކަނޮ ލޮރީ ފަދަ ތަކެތި ޕާކް ކުރަން އޮތްތަނެއް ނޫން ކަމަށާއި މާލެ ތެރެ ހިތް ފަސޭހަކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި މާލެ ތެރެ އަމާން ކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒުކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ފުލުހުން އަބަދު މީހުން ހައްޔަރު ކުރަން އުޅެން ޖެހުމަކީ އެމަނިކުފާނު ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުން ވަނީ މަގުތަކަކީ އަމާންކަމާ އެކު ކޮންމެ ވަގުތެއްގައި ވެސް މީހުންނަށް އުޅެވޭ ތަނަކަށް ވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންކްރީޓް ފާރުތަކެއްގެ ތެރޭގައި ނޫނީ އޮޓަމެޓިކް ދޮރެއްގެ ތެރޭގައި ތިބޭ ބައެއްގެ ގޮތުގައި ދިވެހިން ވާން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެންމެ އިހު އުޅުނު ދިވެހިންވަންތަ ރީތި އާދަތަކުގެ ތެރޭގައި އަމިއްލަ ދިވެހި ވަންތަ މުޖުތަމައެއްގެ ގޮތުގައި ރާއްޖެ އޮތުން އަޅުގަނޑުމެންގެ އަމާޒަކީ،" ރައީސް ވިދާޅުވި އެވެ.