ހަބަރު

އެސްއޯއެފްއިން ފައިސާ ދިން ކަމަށް ބުނާ ދެ ކުންފުނިން އެކަން ދޮގުކޮށްފި

Feb 7, 2016
2

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިފައިވާ ފައިސާއެއް ވެސް އަދި އެ ނޫން ފައިސާއެއް ވެސް، އެސްއޯއެފް ކުންފުނީގެ ފަރާތުން ލިބިފައި ނެތް ކަމަށް، ޔުނިވާސަލް ގްރޫޕުންނާއި ވިލާ ގްރޫޕުން މިރޭ ބުނެފި އެވެ. އެމްއެމްޕީއާރުސީ އިން ގެއްލުނު އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ އެސްއޯއެފް އިން ރޭ ބުނެފައި ވަނީ އެ ހުރިހާ ފައިސާއެއް ރައްދު ކޮށްދޭން ޖެހޭ މީހުންނަށް ރައްދުކޮށްދިން ކަމަށެވެ.

ފައިސާ ދިން ކުންފުނިތަކުގެ ތެރޭފައި ވިލާ ގްރޫޕާއި ޔުނިވާސަލް ގްރޫޕާއި ހިމެނޭ ކަމަށް އެސްއޯއެފް އާއި އެ ކުންފުނީގެ އެމްޑީ، މުހައްމަދު އައްލާމް ލަތީފް، މޮހޯ ގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވަނީ އޭނާއާ ހަވާލާދީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ސޮއި ކުރައްވާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވިލާ ގްރޫޕްގެ އެއްވެސް ކުންފުންޏަކުން އެއްވެސް ގޮތަކުން ބައިވެރިވެފައެއް ނެތް ކަމަށެވެ. އަދި އެ ގްރޫޕްގެ އެއްވެސް ކުންފުންޏަކަށް ނަގުދު ފައިސާގެ ގޮތުގައި ވެސް އަދި ޗެކް ގެ ޒަރިއްޔާ އިން ވެސް އެސްއޯއެފް އިން ވެސް އަދި އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނެތް ކަމަށް ވިލާ ގްރޫޕުން ބުންޏެވެ. އަދި އެހެން ވެސް ގޮތަކުން އެ ފައިސާއެއް ލިބިފައި ނެތް ކަމަށް ބުންޏެވެ.

"މި ވާހަކަތައް ހުސްނުއްސުއޫދު ދެއްކެވީ ވިލާ ގްރޫޕާއި އަޅުގަނޑުގެ އަގު ވައްޓާލުމަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމުގެ ގޮތުންނެވެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.

ޔުނިވާސަލް ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނިން މި އޮތް ހުރިހާ ދުވަހު ވެސް ވިޔަފާރި ކުރަމުން އައީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހުއްދަ ކޮށްފައިވާ ގޮތްތަކާއި މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެ ކުންފުނިން އެއްވެސް މިންވަރަކަށް އެއްވެސް ސިފައެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ޔުނިވާސަލް އިން ވެސް ބުންޏެވެ. އަދި އެސްއޯއެފް އިން ވެސް އެމްއެމްޕީއާރުސީ އިން ވެސް އެ ކުންފުންޏަށް އެއްވެސް ފައިސާ އެއް ޖަމާކޮށްފައި ނެތް ކަމަށް ޔުނިވާސަލް އިން ބުންޏެވެ.

"މި ވާހަކަތަކާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް މި ކުންފުނިން އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.