ހަބަރު

ފޭކް ކޯޓް އަމުރާ ގުޅިގެން މާމިގިލީ ކޯޓް ގާޒީ ހައްޔަރުކޮށްފި

Feb 8, 2016
3

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލައިގައި މާމިގިލީ ކޯޓްގެ ގާޒީ ވެސް ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީޖީ މުހުތާޒްއާ އެކު ކޯޓު އަމުރެއްގެ ދަށުން ރޭ ދެން ހައްޔަރު ކުރީ މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30 އ. ކަމަށެވެ.

މައްސަލައިގައި ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެފައިވަނީ ފުލުހުންގެ ނަމުގައި ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތުގެ މައްޗަށް ފުލުހުން ބެލިބެލުމުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ބަޔަކު ރަށަކަށް ގޮސް ދަންވަރު 03:00 ހާއިރު އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓެއް ހުޅުވާ އެކޯޓްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރަކާއެކު މާލެއިން ދިޔަ މީހުން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކޮށްފައިވާކަން އެނގިފައިވާކަމަށެވެ.

“ކޯޓުގެ ނަމުގައި ނެރެފައިވާ ސައްހަ ނޫން ލިޔުމެއް މާލޭގެ މަގެއްގެ މަތީގައި ބާއްވާ އެލިޔުން ފުލުހުންގެ ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތްކޮށް، މައްސަލައަކާ ގުޅިގެން ފުލުހުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދާކަން ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވެ އެވެ.” ރިޔާޒް ވިދާޅުވެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ އިނގިރޭސިވިލާތުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ ހައްޔަރުކުރުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވާފައިވާކަމަށެވެ. ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގެ ޒަރިއްޔާއިން ނަޝީދު ވަނީ އެކަމަށް އިއުތިރާފް ވެސް ވެފަ އެވެ.