މަސްތުވާތަކެތި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު ކަސްޓަމްސްއިން އަތުލައިގަނެފި

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ. އެމީހާ އަތުލައިގެންފައިވަނީ އިއްޔެ ހެނދުނު އެވެ.

ކަސްޓަމްސް އިން ބުނީ، އިއްޔެ ހެނދުނު ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި އެ މީހާއާ މެދު އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން ހިފަހައްޓާ ސުވާލުކޮށް ލިބުނު މައުލޫމާތުގެ އަލީގައި އެތެރެހަށި ސްކޭންކޮށް ބެލުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ރައްކާކޮށްފައިހުރިކަން ޔަގީންކުރެވުނު ކަމަށެވެ.

މިއީ ދިވެއްސެއް ކަމެއް ބިދޭސީއެއް ކަމެއް ސާފެއް ނުވެ އެވެ.

މިހާރު ކަސްޓަމްސް އިން ދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން އޭނާގެ އެތެރެހަށިން އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 34 ބުލެޓް ނެގިފައިވާއިރު އަދިވެސް އޭނާގެ ބަނޑުތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ދައްކާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.