ހަބަރު

ފުލުހުން ގުޅީފަޅަށް އަރައި، ވެލިނެގީ ގާނޫނާ ހިލާފަށް: ޖީޕީޑީ

އެމްޓީސީސީ އާއި ފުލުހުން ގުޅީފަޅަށް އަރައި، އެރަށުން ވެލިނަގާފައިވަނީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށްކަމަށް ގުޅީފަޅު ތަރައްގީކުރަމުންދިޔަ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (ޖީޕީޑީ)އިން ބުނެފި އެވެ.

ގުޅީފަޅަށް ފުލުހުން އަރައި، ސަރުކާރުގެ ބެލުމުގެ ދަށަށް ގުޅީފަޅު ގެނައުމާ ގުޅިގެން އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ބޭނުން ކޮށްގެން ގުޅީފަޅަށް އަރައި އެރަށުން ވެލި ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯޓު އަމުރެއް ހޯދައިގެން އައުމަށް އެކަން ކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް ފުލުހުން އެކަމަށް އަޅާލާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖީޕީޑީ އިން ބުނީ، ފުލުހުން ގާނޫނާއި ހިލާފަށް މިހާރު ގުޅީފަޅު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އާއި އެމްޓީސީސީގެ މުވައްޒަފުން އެރަށަށް އަރުވައިގެން ހިންގި ކަންކަން ކުށްވެރިކުރާ ކަމަށެވެ.

ޖީޕީޑިއިން ބުނެފައިވަނީ، ގުޅީފަޅަކީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން އެ ކުންފުނީގެ އަމިއްލަ މުދަލެއް ކަމަށާއި އެ ކުންފުނީގެ ހައްގުތައް ހިމާޔަތް ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބެއް ކަމަށެވެ. ނަމަވެސް އެއަށް ބެލުމެއް ނެތި އެއާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ޖީޕީޑީއިން ވަނީ ބުނެފަ އެވެ.

ގުޅީފަޅަށް އަރާ ފުލުހުން އަމަލުކުރި ގޮތަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންގެ ކުރިމަގު އޮތް ގޮތް ވަރަށް ރަނގަޅަށް ދައްކައިދޭ އަމަލެއް ކަމުގައިވެސް އެކުންފުނިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގުޅީފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ޖީޑީޕީ ކުންފުންޏާއި ހަވާލުކޮށްގެން ހިއްކާގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ތަރައްގީ ކުރަމުން އައި ރަށެކެވެ. އެހެން ނަމަވެސް މިހާ ދުވަސް ވީ އިރުވެސް އެރަށް ތަރައްގީ ނުކުރެވޭތީ، މި ސަރުކާރުން ނިންމީ ޖީޑީޕީގެ އަތުން އެ ރަށް ނަގައި އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ގުޅީފަޅު އިންވެސްޓްމަންޓާ ހަވާލު ކުރާށެވެ. އަދި ސަރުކާރުން ނިންމާފައި ވަނީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ.

ގުޅީފަޅު އިންވެސްޓްމެންޓްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލު ވިދާޅުވެފައިވަނީ، ޖީޑީޕީ އަތުން ގުޅީފަޅު ނަގަން ނިންމީ އެ ކުންފުންޏަށް ގުޅީފަޅު އެއްވެސް ވަރަކަށް ތަރައްގީ ކުރެވިފައިނުވާއި ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީ ކަމަށެވެ.