ހަބަރު

ބޮޑު ހިޔާނާތުގެ ތަހުގީގު މިހާރު އޮތީ ފަހު މަރުހަލާގައި: އޭސީސީ

Feb 8, 2016

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން މިހާރު ކުރިއަށް ދަނީ ރިޕޯޓް ނިންމުމުގެ މަރުހަލާ ކަމަށާއި ރިޕޯޓް އާންމު ކުރަން ދެން މާކަ ގިނަ ދުވަހެއް ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެ ހިޔާނާތާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަކީ މިހާތަނަށް އެންމެ ގިނަ މީހުންނާ ސުވާލު ކޮށް މައުލޫމާތު އެއްކުރެވުނު ތަހުގީގު ކަމަށެވެ. އަދި ތަހުގީގުގައި ބަލާފައި ވާނީ އޭސީސީގެ ގާނޫނީ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވާ، އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލަތަކަށް ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި އެކަމުގައި ބައިވެރިވެފައިވާ ދައުލަތުގެ ފަރާތްތަކާއި އެ މީހުން ބައިވެރިވެފައިވާ މިންވަރަށް ބެލިފައި ވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަނީލޯންޑްރިން އާއި އެހެން ވެސް ޖިނާއީ ކަންކަން ތަހުގީގަށް ފާހަގަ ވާނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"ކަނޑައަޅާ ތާރީހު ތަކަށް ވުރެ ކުޑަކޮށް ބޭރުވެގެން އެބަ ދޭ މި ތަހުގީގު. އެ ވާގޮތަކީ ވަރަށް ގިނަ މީހުންނާ ސުވާލު ކުރާ އިރު އެ މީހުން ކިބައިން ހޯދޭ މައުލޫމާތުތަކުން އެބަ ޖެހޭ އިތުރު ކަންކަން ބަލަން. އެހެން ވީމާ ނިންމަން ވަގުތު މި ނަގަނީ. އެކަމަކު އަޅުގަނޑުމެން ތާރީހެއް ކަނޑައަޅައިގެން މި އުޅެނީ. އެކަމަކު ދެން ލަހެއް ނުވާނެ،" މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީ އިން ވެސް ބުނެފައި ވަނީ މިއީ އެ ކޮމިޝަނުން ކުރިއަށް ގެންދާ ހިޔާނާތާ ގުޅޭ އެންމެ ބޮޑު ތަހުގީގު ކަމަށެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރުސީގެ އޮޑިޓް ނިންމައި ރިޕޯޓް ނެރެފައިވާ އިރު، 1.22 ބިލިއަން ރުފިޔާގެ ހިޔާނާތްވެފައިވާކަން ވަނީ ހާމަވެފަ އެވެ. އޭސީސީ އިން މީގެ ކުރިން ބުނެފައި ވަނީ އެ ތަހުގީގު 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ.