ހަބަރު

ފެނަށް ޖެހުނީމަ އެންގީމަ ދަތި، ދުރާލާ އަންގާ: ޑިޒާސްޓާ

ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ ކުރިން ރަށްރަށުން އެކަން ދުރާލާ އެންގުމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ. އެ ސެންޓަރުން އެދެނީ ފެނަށް ޖެހުމުގެ 15 ދުވަހުގެ ކުރިން އެކަން އެންގުމަށެވެ.

މި އަހަރުގެ މިހާތަނަށް ތިން ރަށަކުން ފެނަށް ޖެހިގެން އެކަން ޑިޒާސްޓާއަށް އަންގާފައިވެ އެވެ. އެއީ ނ. އަތޮޅު ހޮޅުދޫ އާއި މާޅެއްދޫ އަދި ރ. އިންނަމާދޫ އެވެ. އެރަށްތައް 10 ދުވަހުގެ ތެރޭގައި ޑިޒާސްޓާއިން ވަނީ ފެން ފޯރުކޮށްދީފަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ 77 ރަށަކަށް ޑިޒާސްޓާއިން ފެން ފޯރުކޮށްދީފައިވާއިރު އެކަމަށް 7.8 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.

އެ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރު ހުންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ، ފެން ފޯރުކޮށްދޭ ޕާޓީތައް މަދުވުމާއި ފެން ނަގަންޖެހޭ ޕޮއިންޓްތައް ދުރުދުރުގައި ހުރުމާއި ފެނަށް ޖެހުމުން އެކަން ރަށްރަށުން އެންގުން ލަސްވުމުން ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާ ކަމަށެވެ.

"ކައުންސިލްތަކުގެ ވަރަށް ބޮޑު ސަމާލުކަމެއް ގެންނަން ޖެހޭ ކަމެއް ރައްޔިތުން ފެނަށް ނުޖެހި، ރައްޔިތުންނާ ހަމައަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ، މިސާލަކަށް ފެން ހުސްވެއްޖެ ކަމަށް ބުނެ ފެން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނާ ހަމައަށް ރިކުއެސްޓެއް އައީމަ، އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ ވަގުތުގެ ތެރޭގައި ނުވަތަ އަވަހަށް ފެން ފޯރުކޮށްދޭން، އެގޮތަށް ފެން ފޯރުކޮށްދޭންވީމަ ހަރަދު ވެސް މައްޗަށް އަރައިގެންދޭ،" ތަސްނީމް ވިދާޅުވިއެވެ.

ތަސްނީމް ވިދާޅުވީ، ފެނަށް ޖެހޭނެކަން ދުރާލާ ދެނެގަނެ، އެކަން ރަށުގެ ޒިންމާދާރު ފަރާތްތަކުން އެކަން މޮނިޓާކުރަންޖެހޭނެ ކަމަށެވެ. އަދި ފެން ހުސްވާނަމަ އެކަން ކުރިއާލާ ޑިޒާސްޓާއަށް އެންގުމަށް ތަސްނީމް ވަނީ ވިދާޅުވެފަ އެވެ. ފެނަށް ޖެހުމުގެ ކުރިން ޑިޒާސްޓާއަށް މީގެކުރިން 30 ދުވަހުގެ ކުރިން އެންގުމަށް މުހުލަތު ދީފައިވީ ނަމަވެސް މި އަހަރު އެ މުހުލަތު ވަނީ 15 ދުވަހަށް ކުރު ކޮށްފަ އެވެ.

"އޯގަސްޓް މަހުން ފެށިގެން ރާއްޖެއަށް މެދުކެނޑުމެެއް ނެތި ވާރޭ ވެހުނު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެކުނުގެ ރަށްރަކަށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ، އެހެންވީމަ ވިއްސާރަކުރާނަމަ ތާނގިތަކަށް ފެން އަޅުއްވާ، ފެނަށް ނުޖެހޭނެ ގޮތަކަށް ފިޔަވަޅުތައް އަޅަންޖެހޭނެ،" ތަސްނީމް ވިދާޅުވި އެވެ.

ޑިޒާސްތާއިން ފެން ފޯރުކޮށްދިނުމުގެ ކުރިން ތާނގިތައް ސާފުކުރުމަށް ވެސް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އެދިލެއްވި އެވެ. ފެން ފޯރުކޮށްދޭ އުޅަނދުތަކަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސެޓިފައިޑް ކޮށްފައިވާ އުޅަނދުތަކެއް ކަމަށް ތަސްނީމް ވިދާޅުވި އެވެ. އަދި ފެން ނަގާ ޕޮއިންޓްތަކަކީ މުއައްސަސާތަކުން ހުއްދަ ދީފައިވާ ޕޮއިންތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރަށްރަށަށް ޑިޒާސްޓާއިން ފެން ގެންގޮސް ފެން އަޅާނީ، ރަށްރަށުގައި ހުންނަ އިޖްތިމާއީ ތާނގީތަކަށް ކަމަށް ތަސްނީމް ފާހަގަކުރެއްވި އެވެ. އަދި އެ ތާނގިތައް ސާފުކޮށްފައި ބެހެއްޓުމަށް ވެސް އެދިލެއްވި އެވެ. މި އަހަރު ފެން ފޯރުކޮށްދިނުމަށް ޑިޒާސްޓާއިން ވަނީ ދެ ފަރާތަކާއެކު އެއްބަސްވުމެއް ހަދާފަ އެވެ.