ރިޕޯޓް

ބޮޑު ހިޔާނާތުން ފެންނަ އެންމެ ބޮޑު މަންޒަރު!

Jun 15, 2016
9
  • ކޮންމެ ސަރުކާރެއްގައި ވެސް ހިޔާނާތުގެ މޫ ވަނީ ފެތުރިފައި
  • އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މުޅި ދައުލަތް ޒިންމާވާން ޖެހޭ
  • ހިޔާނާތާ ދެކޮޅަށް ފަށަން ޖެހެނީ އިހުލާސްތެރި މަސައްކަތްތަކެއް

ސަރުކާރުގެ ތެރޭގައި އެންމެ ނުފޫޒާއި ބާރުގައި އުޅުއްވި، ނައިބު ރައީސް އަހުމަދު އަދީބު ފެންތައްޓެއް ބޯލާހާ ފަސޭހައިން ރައްޔިތުންގެ 1.22 ބިލިއަން ރުފިޔާ ރޯމާދުވާލު މި އޮތީ ވަގަށް ނަގައިފަ އެވެ. ރައްޔިތުންގެ މިލްކްގެ ގޮތުގައި ހުރި ސަތޭކައެއްހާ ރަށާއި ފަޅުތައް ހިތުހުރި ގޮތަކަށް ބަހާލުމުގެ ތެރެއިން މި އޮތީ ބޮޑުވެގެންވާ ވައްކަމެއް ހިންގައިފަ އެވެ. މިއީ ސިއްސައިގެން ގޮސް ގައިން ހީބިހި ނަގައިގެން ދާވަރަށް ގައުމަށާއި ރައްޔިތުންނަށް ވެފައި އޮތް އެންމެ މަތީ ދަރަޖައިގެ ހިޔާނާތެކެވެ. ތާރީހުގެ ތެރެއަށް ގޮސް ވަންނަ އިރު މިއީ މިކަހަލަ ޖަރީމާއެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން އެއްތަނަކުން އެންމެ ބޮޑު ކޮރަޕްޝަންގެ ރެކޯޑް އޮތީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި އެމަނިކުފާނުގެ ޅިޔަނު އަދި އެންމެ އިތުބާރު ކުރައްވައިގެން ގެންގުޅުއްވި ވަޒީރު އިލްޔާސް އިބްރާހިމް އޭރުގެ މަސް އެކްސްޕޯޓް ކުރާ ދައުލަތުގެ މައި އިދާރާ އެފްޕީއައިޑީގެ ތެރެއިން ކުރެއްވި ވައްކަމުގެ ގޮތުގަ އެވެ. ތުންތުންމަތިން ކިޔާ ގޮތުން ނަމަ، ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އިން އެ ހިޔާނާތް އަގު ކޮށްލެވޭނެ އެވެ. މިއީ އެއިރަށް ބަލާއިރު ލައްކަ ބައިވަރެވެ.

މިހާރު ލިސްޓްގެ ކުރީގައި މި އޮތް އެމްއެމްޕީއާރުސީގެ ވައްކަމާއި ދެވަނަ އަށް މިއަރާ ވައްކަން މާ ބޮޑަށް ވެސް އެއްގޮތްވެ އެވެ. އެއްޒާތަކަށް އެއްބައްޓަމަކަށް ރޭވިގެން ހިންގާފައި މި އޮތް ދެ ހިޔާނާތުގައި ގިނަ އިބުރަތްތަކެއް މި އޮތީ ހާސިލް ކުރަން ޖެހިފަ އެވެ. މިދެ ހިޔާނާތުގެ އަޑިއަށް ފީނާލުމުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތާއި އޭގެ ވަށައިގެން ހުރި އިސްލާހު ކުރަން ޖެހޭ ކަންކަން ތިލަކޮށްލެވިދާނެ އެވެ.

ކޮރަޕްޝަން ނައްތާލަން އިހުލާސްތެރިކަމެއް ނެތް

އެފްޕީއައިޑީ ކޭހަކީ ނިކަމެތި ރައްޔިތުން ބޭނި މަސްކޮޅު އޮޅުވާލައި ހީލަތްތެރިކަމެއްގެ ތެރެއިން ބޭރަށް ވިއްކައި، އެ ފައިސާ އަމިއްލަ ޖީބަށް އަޅާލުމުގެ ތެރެއިން ހިންގި ވައްކަމެކެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ވެސް ހިނާޔާތެއް ހިންގީ ރައްޔިތުންގެ ހަރުމުދަލުގެ ގޮތުގައި ހުރި ރަށްތައް މެޓާ ބަހާ އުސޫލުން ބަހާލައިގެން ލިބުނު ފައިސާގެ ބޮޑު މިންވަރެއް އަމިއްލަ އެކައުންޓްތަކަކަށް ކަހާލީ އެވެ. މި ދެ ހިޔާނާތް ވެސް މި ހިންގެވީ އޭރު ސަރުކާރުގެ އެންމެ ބާރުގައި ތިއްބެވި ބޭފުޅުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅުގެ ކުރިއަށް ވެސް "ވަގު" މި ލަފުޒު އަންނަނީ އެހެންވެ އެވެ. ކޮރަޕްޝަން ހުއްޓުވުމަށް ވައުދުގެ ވަޑައިގަތް ނަމަވެސް ނަޝީދުގެ ކޮންމެ ކެބިނެޓް މިނިސްޓަރަކު ވެސް އުޅުއްވީ ދައުލަތުގެ ފައިސާއިން ފެންވަރައިގެން ޕާޓީ ކޮށްގެން ކަމަށް ބުނެވެ އެވެ. އޮޑިޓް ރިޕޯޓްތަކުން ފެނުނު މަންޒަރަކީ ރިޝްވަތާއި ހިޔާނާތާއި ވައްކަންތަކުގެ ތެރޭގައި ނަޝީދު ވެސް ކިތަންމެހާ ވެސް ރަނގަޅަށް "ނަށަމުން" ދިޔަ ކަމެވެ.

މިލިއަން ރުފިޔާގައި ހުރި ހިޔާނާތުގެ އަދަދުތައް އެންމެ ފަހުން ބިލިއަން ރުފިޔާއިން ގުނާލެވޭ ހިސާބަށް މިއަދު ކަންކަން ދިޔުމަކީ ހަގީގަތުގައި ކޮރަޕްޝަނާ ދެކޮޅަށް އެއްވެސް ސަރުކާރެއްގައި ސީރިއަސް މަސައްކަތްތަކެއް ނުކުރެވި އޮތް ކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. މިހާރު ހިނގައިގެން މި އުޅޭ ރެކޯޑް އަދަދެއްގެ ހިޔާނާތުގެ އަސްލަކީ ވެސް ކޮރަޕްޝަން ނައްތާލުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގާތައް ވެސް އެއްވެސް ސަރުކާރަކަށް މަސައްކަތް ނުކުރެވުމެވެ.

މައްސަލައިގެ ފެށުމަށް ދާއިރު އެމްއެމްޕީއާރުސީގެ ތެރެއިން އަދީބު ހިންގަވަމުން ގެންދެވި 77 މިލިއަން ރުފިޔާގެ ކޮރަޕްޝަން ރިޕޯޓް ހާމަކުރުމާ އެކު، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އަށް މަޖިލީހުގެ މެންބަރުން ދެއްވި ހަދިޔާ އަކީ މަގާމުން ނަގައި އެއްފަރާތް ކޮށް އެއްލައިލުމެވެ. އޮޑިޓް ރިޕޯޓްގެ ވާހަކަ ވެސް އެންމެ ފަހުން ފަސްއަޅާ ފޮރުވުނު މިކަންތައްކަނޑަކާ ހުރެ އެވެ. ކޮންމެ ބަޔަކު ވެސް ބެލީ އަދީބު "ގޯނި ގޯނީ"ގައި ބެއްސެވި ފައިސާ ދަމައިގަނެވުނު ގޮތަކަށް ދަމައިގަނެގެން މުއްސަދިވާށެވެ.

އެ ރިޕޯޓްގައި ވެސް ފާހަގަ ކޮށްފައި އޮތީ ޑޮލަރު ގަތުމުގެ ނަމުގައި، އެމްޕީއެލް އިން ފައިސާތަކެއް ނަގައި، އަދީބުގެ ބައްޕަ ހިއްސާއެއް އޮންނަ މޮންޓިލިއަމް ކުންފުންޏަށާއި އޭނާގެ ބޮޑު ބޭބެ، ހާމިދު އިސްމާއިލް، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލް މެނޭޖަމަންޓަށް ދިނުމަށް ހިންގި ބޮޑު ވައްކަމެކެވެ. ހަތްދިހަ ހަތް މިލިއަން ރުފިޔާއިން ފަޅާއަރާފައި އޮތް ހިޔާނާތަށް ނިމުން އައިރު، އެއް ބިލިއަން ރުފިޔާއަށް އެ ހިޔާނާތުގެ ޖުމްލަ އެރުމުގެ އަސްލަކީ މިއީ ކަމަށް، ރައީސް އަބްދުﷲ ޔާމީން އަންގައިވެގެން އެކުލަވާލި އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ވެސް ކަޅާ ހުދުން ވަނީ ލިޔެފަ އެވެ.

"މި އޮފީހުން 29 އޮކްޓޫބަރު 2014 ގައި ޝާއިއުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓު ރިޕޯޓުގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭގޮތަށް އެމްއެމްޕީއާރުސީ މެދުވެރިވެގެން ފައިސާގެ ބޮޑެތި މުޢާމަލާތްތަކެއް ހިންގާފައިވާކަމަށާ އަދި އެ ފައިސާތަކުގެ ތެރެއިން ބައެއް އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އާއިލީ މަސްލަޙަތު އޮތް ކުންފުންޏަކަށް ދީފައިވާކަން ފާހަގަކޮށްފައި ވީނަމަވެސް، ސަރުކާރުގެ ކުންފުނިތައް ހިނގާނުހިނގާ ގޮތް ބަލައި ޖަވާބުދާރީކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަރާތްތަކުންނާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން މިކަންކަމުގައި ޝާމިލުވި ފަރާތްތައް ޖަވާބުދާރީކުރުވައި އިސްލާޙީ ފިޔަވަޅުތަކެއް އަޅާފައި ނުވުމަކީ، ފަހުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިންގުމަށް މަގުފަހިކޮށްދިން ކަމެކެވެ،" ފަހުން ނެރުނު އެމްއެމްޕީއާރުސީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ދެން މި އޮތީ އެންމެ ބޮޑު ސުވާލެވެ. ގައުމުގައި ހިންގާ ބޮޑެތި ހިޔާނާތްތަކުގެ ކުރިމަތީގައި މި އޮތް ބޮޑު ދައުލަތް ކުޑަކަކޫ ޖަހައި ބީރު ކަންފަތެއް ދިނީ ކީއްވެ ހެއްޔެވެ؟

މުއައްސަސާތައް ހިމޭނުން، ދިނީ ބީރުކަންފަތެއް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވަނީ އެ ހިޔާނާތަށް ފެހި ސިގްނަލެއް ދެވި ކަންކަން ގޯހުން ގޯހަށް ދާން ޖެހުނީ އެ ހިޔާނާތުގެ މަންފާ ދައުލަތުގެ ކޮންމެ ހިސާބަކަށް ވެސް ފޯރަމުން ދިޔުމުން ކަމަށެވެ. ބޮޑެތި ހިޔާނާތްތައް އޮޑިޓް ރިޕޯޓްތަކުގައި މީގެ ކުރިން ވެސް އެލާޓެއް ހުރީ ގެނެސްފަ އެވެ. އެހެން ނަމަވެސް ހިޔާނާތްވި ވަގުންގެ އަތުގައި ހިފައި އަދަބު ދޭން ޖެހޭ ހިސާބުން، ދެން ހުއްޓުން އަރަނީ އެވެ. މިފަހަރު ރެކޯޑް އަދަދުގެ ހިޔާނާތުގައި ވެސް މިޖެހުނީ މިކަހަލަ ހާލެކެވެ.

"އެ ފައިސާއިން ބަޔަކު މުއްސަދި ވަމުން އައީ. މުޅި ނިޒާމަށް މި ހިޔާނާތުގެ ތެރެއިން އައީ މަންފާތައް ވަމުން،" ނިޔާޒް ވިދާޅުވި އެވެ."އޮޑިޓް ރިޕޯޓެއް ނިކުތީމާ ފިޔަވަޅު އަޅަން މި ޖެހެނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ. އެ ކޮމިޓީގެ މެންބަރުންނަށް އޭގެން މަންފާ ލިބެންޏާ އެބޭފުޅުން ކިހިނެތްތޯ އެކަން ހުއްޓުވާނީ. އަޅުގަނޑު އޭރު އެ ރިޕޯޓް ނެރުނީމާ ފެނުނު މަންޒަރަކީ އެއީ،"

އަދީބަށް ރައީސް ކުރެއްވި އިތުބާރުތަކުގެ ތެރެއިން ހޯއްދެއްވި ފުރުސަތުތަކުގައި އަދީބު ހަންފަތުރާލާފައި އޮތީ މުޅި ދައުލަތް އެކީ ބިރުން ތުރުތުރު އަޅާ ވަރަށެވެ. އަމިއްލަފުޅަށް ހޯއްދެއްވި، "ބޮޑުވަޒީރު" ކަމާ އެކު، އަދީބު ވިދާޅުވާ ކަމެއް އެ ވިދާޅުވާ ގޮތަކަށް ވުން ނޫން ގޮތެއް ނޯވެ އެވެ. ނަތީޖާއަކަށްވީ ހަމައެއް ލަމައެއް، އުސޫލެއް، ނިޒާމެއް ނެތި ގައުމުގެ ބައިތުލްމާލު ނޮޅާލައިގެން ކާން ފެށުމެވެ. އެކޭމުގައި ބައިވެރިވި ބަޔަކަށް އެމްއެމްއޭ އާއި އޭސީސީ ވެސް އޮތީ ފާޑަކަށް ބަދަލުވެފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހާއި އެމްއެމްއޭ އާއި މިހެން ގޮސް ފާރަވެރިވާނެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާ ކުރީ ކިހާވަރަކަށް ސުވާލު އުފެދޭ ހިސާބަކީ މިއީ އެވެ. އެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން ގައުމީ ބޭންކްގެ ހުޅުވާފައި އޮތް އެކައުންޓެއްގެ ތެރެއިން ކޮންމެ ދުވަހަކު، އެތައް މިލިއަން ޑޮލަރެއްގެ ކަޅު ފައިސާ ސާފުކުރަމުން ދިޔަ އިރު އެކަން ހިނގީ ހަމަ އެމްއެމްއޭއަށް ވެސް ހަމަ ޔަގީނުން ވެސް އެނގިގެންނެވެ. ބޭންކްތަކުން ކެނޑިނޭޅި އެމްއެމްއޭއަށް ޝަކުވާތައް އޮއްސަމުން އައި އިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ކަމެއް ވީހެންވެސް ހިއެއް ނުވެ އެވެ. އެކަމާ އަނގައިން ބުނަން ވެސް އެމްއެމްއޭ ބޭނުމެއް ނުވެ އެވެ. ދެ ލައްކައަށް ވުރެ މަތީ ރުފިޔާގެ ޗެކްތައް ކްލެއާ ކުރާ އިރު ބޭންކުން އެމްއެމްއޭއަށް ރިޕޯޓް ކުރަމުން ދިޔަ އިރު، އެސްއޯއެފްގެ އެކައުންޓުން އެންމެ ދުވަހަކު ވެސް ފަސް މިލިއަން ޑޮލަރު ޗެކެއް ޖަމާކޮށްލައި އެ ފައިސާ އެތައް ބައެއްގެ އެކައުންޓްތަކަށް ބައިބަޔަށް ބަހާލިއިރު، އިރު އެމްއެމްއޭއަށް ކަމެއްވީހެން ވެސް ހީވެފައެއް ނެތެވެ. އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ.

އެފްޕީއައިޑީގެ މައްސަލައަށް ބަލާއިރު، އެސްޓީއޯ އާއި ޓްރޭޑް މިނިސްޓްރީ އަކީ ވެސް އިލްޔާސްގެ މިލްކެއް ކަހަލަ ތަންތަނެވެ. އިލްޔާސްގެ ސިޔާސީ ނުފޫޒު ފެތުރުނުލެއް ބާރު ކަމުން އޭރުގެ ރައީސް މައުމޫނަށް ވެސް ކުރިމަތިވިވެ ވަޑައިގެންނެވީ އިލްޔާސް ހިންގަވަމުން ގެންދެވި ކަންތައްތަކުގެ ބިތުފަންގި ނަގާށެވެ. މައްސަލައިގެ ރިޕޯޓެއް ވެސް އެކުލަވާލި އެވެ. އެކަމަކު އެ ރިޕޯޓް ދައުލަތުގެ ސިއްރެގެ ގޮތުގައި، އޮވެ އެ ރިޕޯޓަށް ވީނުވީތަނެއް އެނގުނު މީހަކު ވެސް ނެތެވެ. އެންމެ ފަހުން "ދެއްވި ފުރުސަތެއްގައި" އިލްޔާސް ވެސް ގައުމުން ބޭރަށް ވަޑައިގެންނެވީ އެވެ. ދެން ތިބި ފަރާތްތަކަށް ވެސް ކުދި އަދަބު ލިބުނަސް އޭރު ބުރިބުރިއަށް ހިއްލައިލި ގަނޑުވަރެއް ފަދަ ގެތަކުގައި އެބޭފުޅުން އެ ގެންދަވަނީ އަރާމު ކުރައްވަމުންނެވެ. ނަޝީދުގެ ސަރުކާރުގެ އިސްވެރިން ވެސް އޭރު ކުއްލިއަކަށް ސުމަކުން ފެއްޓި ވިޔަފާރިތަކުން މުއްސަދިވެ އަރާމު ދިރިއުޅުމެއްގައި އެ އުޅުއްވަނީ ރާއްޖެއިން ވެސް ބޭރުގަ އެވެ.

އަދީބު ހިންގެވި ރަތްލާ ޖެހި ވައްކަން ހާމަވެ، އެ ރިޕޯޓް އޭސީސީއަށް ވެސް ފޮނުވުމުން މިއަދާ ހަމަޔަށް ވެސް އެޅުނު ފިޔަވަޅެއް އަދި ނެތެވެ. އެމްޕީއެލް އިން ޑޮލަރުތައް ނަގައިގެން އަދީބު ހިންގެވި ވައްކަމާ ގުޅޭ އޮޑިޓް ރިޕޯޓް އޭސީސީގެ މޭޒުމަތީގައި ހިރަފުސް އަރާފައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭސީސީ އިން ބުނަނީ މައްސަލަ ތަހުގީގު ކުރަނީ ކަމަށެވެ. އެކަމަކު އަދިވެސް މައްސަލަ ނިމޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ރޯމާ ދުވާލު ކޭމެއް ކާލައި އުސޫލުން ބައިތުލްމާލު ނޮޅާލި އިރުވެސް، އެ މައްސަލަަތަކުގައި އޭސީސީއަށް ނަތީޖާއެއް ނުނެރެވުނެވެ. އޭސީސީ އިން އެދެމުން އަންނަނީ ވަގުތު އަދިވެސް ބޭނުން ކަމަށެވެ. އެކަމަކު މިފަދަ ވައްކަންތައް ގިނަވެ، ކޮރަޕްޝަންގެ މޫތައް ފެތުރެމުން އަންނަ އިރު، އޭސީސީގެ މަޑުދުވެލީގައި، އައިސް ވަގުންގެ އަތުގައި އެ ކޮމިޝަނަށް ހިފިދާނެއެކޭ ބުއްދިއެއްނުބުނެ އެވެ.

މިހާރު މި އޮތް ރެކޯޑް އަދަދެއްގެ ހިޔާނާތްވި މީހުންނަށް ވާނީ ކިހިނެތް ހެއްޔެވެ؟ ރަސްމަތި ފުށުން ފެށިގެން ވެރިކަމުގެ ކޮއިލަށް ވާރުތަވެފައި މި އޮތް ހިޔާނާތުގެ ހުތުރު ބަލިމަޑުކަމުން ސަލާމަތް ނުވެވިގެން މި އުޅެނީ، ހިޔާނާތުގެ މުގުލުގައި ތިބި މީހުންނަށް ހައްގު އަދަބު ނުދެވިގެންނެވެ. މުއައްސަސާތަކަށް ވެސް އެ އަވަރަށް ހަރަކާތްތެރި ނުވެވިގެންނެވެ.

ސިޔާސީ ކުރާވަރަށް ވުރެ މައްސަލަ ސީރިއަސް

ހިޔާނާތުގެ ވާހަކަ އަކީ ވެސް ހަމައެކަނި ސިޔާސީ ލަވަޔަކަށް ހަދައި އެކަމާ ދެކޮޅަށް އިހުލާސްތެރި މަސައްކަތެއް ނުކުރެވުމަކީ އަދި މާ ބޮޑު މައްސަލަ އެކެވެ. ހިޔާނާތުގެ މިކަންކަން ފައްކާވެ، މޫލަމުން އައީ މިއަދަކު އިއްޔެއަކު އިހަށް ދުވަހަކު ނޫނެވެ. މިއީ އަދި ވަކި ޕާޓީއަކަށް ވަކި ކުލަޔަކަށް ވެސް ހާއްސަވެފައި އޮތް ކަމެއް ނޫނެވެ.

ހިޔާނާތް އެކީ ފުހެލަން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އެމްޑީޕީ އިން އަޑުއުފުލާ އިރު، އެ ޕާޓީގެ ތެރޭގައި ތިބި ރައްޔިތުންގެ ހަޒާނާ ބޯކިބަލެއްހެން ފޮތިފޮއްޗަށް ބަހާލި މީހުން ހަމަ ތިބީ ރީދޫ ފަރުދާގެ ނިވަލުގަ އެވެ. ރައީސް ނަޝީދުގެ ތިން އަހަރުގައި ހިޔާނާތަށް ގޮސް ހުސްވެފައި ހުރި ފައިސާގެ އަދަދުތައް ވެސް ފަސް ބިލިއަން ރުފިޔާއާ ގާތްކުރާ އިރު، އެ ރީދޫ ފަރުދާގެ ނިވަލުގައި ނަގާ ކިޔަން އެ ތިބަ ގިނަ ސިޔާސީ މީހުންނަކީ މި ހުތުރު ނަޖިހުން ކިތަންމެ ރަނގަޅަކަށް ވެސް ފެންވަރައިގެން ތިބި ފަރާތްތަކެވެ. އެމްޑީޕީ އިން ވެސް އިހުލާސްތެރިކޮށް ހިޔާނާތާ ދެކޮޅަށް މަސައްކަތް ކުރާ ނަމަ، އެ މީހުންގެ ތެރެއަށް ވަދެ ފިލާތިބި ހިޔާނާތްތެރިންނަށް ވެސް ހައްގު އަދަބު ދޭން މަސައްކަތް ކުރަން ޖެހެ އެވެ. ސިޔާސީ ބާރުވެރިކަމަށް ޓަކައި މިއީ ބީރު ކަންފަތެއް ދޭވަރުގެ ކަމެއް ނޫނެވެ.

ވަކި ބަޔަކަށް ހިޔާނާތޭ ބުނެ އިނގިލި ދިއްކޮށް އަނގަ ހުޅުވައި ޕޯޑިއަމްތަކުގައި ހަޅޭއްލެވޭ ވަރަށް ވުރެ މިއީ މާ ބޮޑު ގައުމީ މައްސަލައަކަށް ވެއްޖެ އެވެ. ކޮރަޕްޝަންގެ ހުތުރު އަމަލުގެ ކަޅު ލަތްތަކުން ފުރިފައިވާ އަސުރުމާ ކުލަޔާއި ރީދު ކުލަޔާއި ރަތް ކުލަޔާއި ފެހި ކުލަ އިން ވެސް ހިޔާނާތުގެ ނުބައި ވަބާ މި އޮތީ އެކީ ދޮވެލައި ފިލުވާލަން ޖެހިފަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ކޮރަޕްޝަން އެކީ ނައްތާލުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް އެކަން މަދު ކުރުމަށް މި ސަރުކާރުން މަސައްކަތް އެބަ ކުރެ އެވެ. އެކަމަކު ވެސް އެންމެ އެދެވޭ ގޮތަކުން ނޫނެވެ. އުމަރު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލެއް ހިނގާ ނަމަ އެކަން ވަގުތުން ހުއްޓުވާނެ ކަމަށެވެ. އުމަރު ވިދާޅުވީ އޭރުގެ ނައިބު ރައީސް އަދީބުގެ ކޮރަޕްޝަން ހުއްޓުވަން އެކަން ފުލުހުންނަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ހުށަހެޅުއްވި ކަމަށެވެ. އެހެން ނަމަވެސް އޭރުގެ ޕޮލިސް ކޮމިޝަނަރު އެކަމަށް ޖާގަ ނުދެއްވީ އެވެ. އުމަރު ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި ކޮރަޕްޝަނާ ދެކޮޅަށް އެންމެ ވަރުގަދަޔަށް މަސައްކަތް ކުރާ އެއް ސަރުކާރެވެ.

"ކޮރަޕްޝަން އޮވޭ ހުރިހާތަނެއްގައި ވެސް، މީޑިއާ ކުންފުނިތައް ޖުޑިޝަރީ ސަރުކާރު މިހެން ގޮސް އެކި ތަންތާ އެކި ލެވަލްއަށް އެކަން އޮންނަނީ. އަޅުގަނޑު ދަންނަވާނީ މި ސަރުކާރުގައި އެކަމަށް ފުރުސަތެއް ނުދެވެޔޭ. އެކަމުގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް އެ ދަނީ ކުރިއަށް. އަދީބު ކޮރަޕްޝަން އޮތް. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެބޭފުޅާގެ މިހިރަ ކަންކަން އެ އަންނަނީ ބެލެވެމުން. އެހެން ވީމާ މީގެން ވެސް އެބަ އިނގޭ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާކަން،" އުމަރު ވިދާޅުވި އެވެ.

އެކަމަކު ބައެއް ފަހަރު ކަންކަން ހިނގާ ގޮތުން އެ ވާހަކަތައް ވެސް އެކީ ގަބޫލު ކުރަން އުނދަގޫ ދަރަޖައަށް މި އޮތީ މި ވަބާއެއް އާންމުވެފަ އެވެ. ހިތާމަޔަކީ ހިޔާނާތުގެ ކުށުގައި ދައުވާ ކޮށް ޖަލުގެ ތޭރިތަކުގެ ފަހަތަށް ލެވެނީ، ދަރިފުޅުގެ ހެނދުން ދޮވެލާނެ ދޮންކުޑިކޮޅެއް ނެތިގެން އޮފީހުގައި ހުންނަ މިޒާތުގެ އެއްޗެއް ގެއަށް ގެންދާ ތިން ކުދިންގެ މަންމަ އެވެ. ނޫނީ އޮފީހުގެ ކޮފީފުޅިން ކޮފީ ވަގަށް ނަގާ މީހާ އެވެ.

ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރެއްހާ ދުވަހު ވެސް ހިޔާނާތުގެ މައްސަލައެއްގައި ދެތިން މީހަކަށް ވެސް އަދަބު ދެވިފައެއް ނެވެ. ބޮޑު މައްސަލައެއް ތަހުގީގުކޮށް ހިޔާނާތުގެ ކުށުގައި އަދަބުދޭން ފޮނުވިފައެއް ނުވެ އެވެ. ސުވާލަކީ މިވަރުން ކޮރަޕްޝަންގެ މި ވަބާ ފިލުވާލެވޭނެ ހެއްޔެވެ؟ ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވެފައި އޮތް އިރު، ހިޔާނާތުގެ މޫ މި އަންނަނީ އިތުރަށް ފުނަށް ފައިބައި ވަރުގަދަވަމުންނެވެ.