އޮފްބީޓް

ވައިޓް ހައުސް އަށް ވައިފައި ނުލިބޭތީ އޮބާމާގެ ޝަކުވާ

ވައިފައި އަކީ މިހާރު އެންމެ ޒަރޫރީ އެއް ހިދުމަތެވެ. ވައިފައި ވެފައި މި އޮތީ ހަގީގަތުގައި ހަޔާތުގެ ދިރުމަށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ރައްޔިތުންނަށް ހިލޭ ވައިފައި ލިބޭނެ ސިޔާސަތުތަކާ ދިމާލަށް ވަނީ މިސްރާބު ޖަހައިފަ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބާރުގަދަ އަދި މުއްސަދި އެމެރިކާގެ ރައީސް ބަރަކު އޮބާމާ ޝަކުވާ ކުރައްވަނީ ވައިފައި ނުލިބިގެނެވެ. އެއީ ވެސް ގަނޑުވަރެއް ކަހަލަ ވައިޓް ހައުސްގެ ތެރެއިން އެ ހިދުމަތުން އެމަނިކުފާނު މަހުރޫމްވެ ވަޑައިގަންނަވަން ޖެހޭ ފަހަރު ފަހަރު އަންނާތީ އެވެ. އެ

ދެން އަންނަ ރައީސް އަކު ވައިޓް ހައުސްގެ ތެރެއިން ރަނގަޅު ކުރަންވީ ކޮންކޮން ކަންތައްތަކެއްތޯ ސީބީއެސްގެ "ސުޕަރ ބައުލް" ޕްރޮގްރާމްގައި އޮބާމާ އާ ސުވާލުކުުރުމުން ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ވައިޓްހައުސް އަދި އެތައް ތަނަކުން ކުރިއަރަން ޖެހޭ ކަމަށެވެ. ދެން ވިދާޅުވީ ހައިރާން ކޮށްލަނިވި ވާހަކަ އެކެވެ. މިސާލަކަށް ވިދާޅުވީ؛ ވައިޓް ހައުސްގައި ވައިފައި ނުލިބޭ ބައިވަރި ހިސާބުތައް އެބަހުރި ކަަމަށާއި އެކަން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ކައިރީގައި ޖެހިގެން އިންނެވި އަނބިކަނބަލުން މިޝެލް އޮބާމާ ވެސް ވާހަކަ ފެއްޓަވަމުން ވިދާޅުވީ، ވައިފައި ނުލިބޭ ކަންތަކާ ހުރެ، ދަރިކަނބަލުން ސާޝާ އަދި މާލިއާ ވެސް އެކަމާ ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކުރާ ކަމަށެވެ. އެހެން ވީމާ ހުރިހާ ހިދުމަތެއް ފުރިހަމަ ވެފައި މިހިރަ ވައިޓްހައުސް އަށް ވެސް ވައިފައި ނުލިބުމުގެ އުނދަގުލާއި ދުއްތުރާ މިއޮތީ ކުޑަ މިންވަރަކަށް ނޫނެވެ.

ކޮންމެ އަހަރެއްގެވެސް އެންމެ ބޮޑު ފުޓުބޯޅަ ގޭމު ފެށުމުގެ ކުރިން ސުޕަ ބައުލް ޕްރޮގްރާމަށް އޮބާމާ ހާއްސަ އިންޓަރވިއު އެއް ދެއްވަ އެވެ. އަނބިކަނބަލުން އެ އިންޓަރވިއު ގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.