ހަބަރު

އީޔޫގެ ވަފްދު މާފުށި ޖަލަށް ޒިޔާރަތް ކުރައްވައިފި

މިހާރު ރާއްޖެ އައިސްގެން އުޅޭ ޔޫރަޕިއަން ޔޫނިއަންގެ ވަފުދު މާފުށީ ޖަލުގެ ހާލަތު ބައްލަވާލެއްވުމަށާއި ޖަލުގައި ހިންގާ އެކިއެކި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާވިސަސްއިން ބުނީ މި ވަފުދުގެ ބޭފުޅުން ޖަލުގައި ގައިދީން ކުރަމުންގެންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ވޮކޭޝަނަލް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސައިޓްތަކަށް ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ޖަލުގައި ގައިދީން ކިޔަވާ ކްލާސް ރޫމް ތަކާއި، ކޮމްޕިއުޓަރ ލެބާއި، ގައިދީންގެ ލައިބްރަރީގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލައްވާ އެތަންތަނުގެ މައުލޫމަތު ހޯއްދަވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މި ވަފުދުގެ 10 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއިރު މާފުށީ ޖަލުގެ ފަރާތުން މާފުށީ ޖަލުގެ އެކްޓިންގ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދުގެ އިތުރުން އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަބަދުﷲ އަމީން އާއި ޗީފް ޕްރިޒަންސް އޮފިސަރ އައިޝަތު ރިއުޒާ އާއި ފަސްޓް ކްލާސް ޕްރިޒަންސް އޮފިސަރ އަހުމަދު އިރުހާން އާއި ފަސްޓްކްލާސް ޕްރިޒަންސް އޮފިސަރ އަހްމަދު ޒިނާހް ބައިވެރިވެލެއްވި ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.