ދުނިޔެ

އޮސްޓްރޭލިއާ އިން ވެސް ޒިކާ ވައިރަސް ފެނިއްޖެ

އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ މާބަނޑު މީހެއްގެ ގައިން ޒިކާ ވައިރަސްގެ އަސަރު ފެނިއްޖެ އެވެ.

ކަމާބެހޭ އިދާރަތަކާއި ހަވާލާދީ ރިޕޯޓުތައް ބުނަނީ މި މީހާ އަކީ ވަރަށް ފަހުން ގައުމުން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައި މީހެއް ކަމަށާއި މިއީ އޮސްޓްރޭލިއާއިން ޒިކާ ވައިރަސް ފެނުނު ތިން ވަަނަ ކޭސް ކަމަށެވެ.

އޮސްޓްރޭލިއާ އިން ޒިކާ ވައިރަސްގެ ތިން ވަނަ ކޭސް ފެނުނު އިރު ޗައިނާއިންވެސް ވަނީ ޒިކާ ވައިރަސް ފެނިފަ އެވެ. އެގައުމުގައި ޒިކާ ވައިރަހުގެ އަސަރު ފެނިފައިވަނީ ވެނެޒުއޭލާ އިން އެނބުރި ޗައިނާ އަށް އައި 34 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ.

ޒިކާ ވައިރަހަކީ އޭގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ސިކުނޑި ހެދި ބޮޑުވުމަށް ހުރަސް އަޅާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ޖެހޭ ވައިރަހެކެވެ. މި ބައްޔަކީ މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައިނުވާ ބައްޔެކެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މި ބަލި ކޮލަމްބިއާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި ދަނީ ފެތުރެމުންނެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ އަށް ހުން އައުމާއި ހަންގަނޑު ހަލާކުވެ ބިހި ފަދަ ތަކެތި ނެގުން ހިމެނެ އެވެ.

ޒިކާ ވައިރަސް އަދަޔާ ހިލާފަށް ބާރަށް ފެތުރެމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް އާންމު ހެލްތް އެމަޖެންސީއެއް އިއުލާންކޮށް، އިތުރަށް ސަމާލުވުމަށް އަންގާފަ އެވެ.