މަރު

މަންމައަކު ހަތަރު އަހަރުގެ ދަރިފުޅު ގަޔަށް ވަޅި ހަރައި މަރާލައިފި

  • އަންހެން މީހާގެ ސިކުޑީގެ އުނިކަމެއް ހުރޭ
  • މައްސަލަ ހުށަހެޅީ ރޭ ފަތިހު
  • ކުޑަކުއްޖާގެ ގައިގެ އެކި ތަންތަނަށް ވަނީ ވަޅިހަރާފައި

ށ. ނޫމަރާގައި މަންމައަކު އޭނާގެ ހަތަރު އަހަރުގެ ދަރިފުޅުގެ ގަޔަށް ވަޅިޖަހާ މަރާލައިފި އެވެ. ރޭ މަރާލާފައިވަނީ ޝައިހާ ކިޔާ އަންހެން ކުއްޖެކެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ވިޝާމް އަވަސްއަށް ވިދާޅުވީ ކައުންސިލަށް އެ ހާދިސާ ހިނގާފައިވާކަން ރޭ ފަތިހު 5:30 ހާއިރު ކަމަށެވެ. އެ މައުލޫމާތު ކައުންސިލަށް ދިނީ، ކުއްޖާގެ ކާފަ ކަމަށް ވީޝާމް ވިދާޅުވި އެވެ. "އަޅުގަނޑު މިސްކިތުގައި ހުއްޓާ، އެ ކުއްޖާގެ ކާފަ ރޮމުން ރޮމުން އައިސް އެ މައުލޫމާތު ދިނީ،"

ރޭގެ ވަގުތެއްގައި ހިނގާފައިވާ މި ހާދިސާގައި ހަތަރު އަހަރުގެ ކުއްޖާގެ ގައިގެ އެކި ތަންތަނަށް ހުރީ ވަޅި ހަރައިފަ އެވެ. އަދި އެ ކުއްޖާ އޮތީ ލެއިން ތައްތެޅިފަ އެވެ. އަދި އެ ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރޭގައި އޮއްވާ ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުއްޖާގެ މަންމައަކީ ސިކުޑި ހަމަނުޖެހޭ މީހެއް ކަމަށްވެ އެވެ. ކައުންސިލުން ބުނީ ޝައިހާގެ މަންމަ، ށ. ފުނަދޫ، އައިމިނަތު ޝަހީދާ އަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ފުލުހުން ބުނީ ފުނަދޫގައި ތިބޭ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ. "ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް ތަހުގީގުކުރަން ފަށާފައި،" ވިޝާމް ވިދާޅުވި އެވެ.

ހަތަރު އަހަރުގެ ޝައިހާ އާއި އޭނާގެ މަންމަ ޝަހީދާގެ އިތުރުން ރޭ އެގޭގައި ނިދާފައިވަނީ ޝަހީދާގެ މަންމާއި ބައްޕަ އަދި އެއްބަނޑު އަންހެނެކެވެ. ހާދިސާ ހިނގި ވަގުތު އެއްވެސް އަޑެއް އިވިފައިނުވަނީ ދެމައިން ދިރިއުޅެނީ ވަރަށް ރަނގަޅަށް ސީލިންގްކޮށް ބަންދުވެފައި އޮންނަ ކޮޓަރިއެއްކަމުން ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުރިން ފުނަދޫގައި ދިރިއުޅެމުންދިޔަ މި އާއިލާ ނޫމަރާއަށް ބަދަލުވިތާ އަދި ވާނީ ތިން ހަފުތާ އެވެ. އަންހެން މީހާގެ އިތުރު ދެ އަންހެން ކުދިން ތިބޭއިރު ފިރިމީހާ ވަނީ ވަޑާމުގެ މަސައްކަތެއްގައި ހދ. އަތޮޅަށް ގޮހެވެ.