ރާއްޖެ ކުޅިވަރު

ފަހު މެޗުން ރަނގަޅު ނަތީޖާއެއް ނެރެން މަޖުބޫރު: މިކާ

ޕީޕަލްސް ކަޕްގައި މާދަމާ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު، ނިއު އަށް މުބާރާތުގެ ފައިނަލްގެ ދޮރު ބަންދުވެފައި އޮތް ނަމަވެސް، މި މެޗުގައި ނިއު އަށް ދުލެއް ދެވެން ނެތް ކަމަށް ނިއުގެ ކޯޗު ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

ޕީޕަލްސް ކަޕްގައި ނިއު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މެލޭޝިއާގެ ޕީޑީއާރްއެމް އަތުން 1-0 އިން ނިއު ބަލިވިއިރު، ދެވަނަ މެޗުގައި ސިންގަޕޫރުގެ ލަޔަންސް އަތުން ނިއު އިއްޔެ ބަލިވީ 3-1 އިންނެވެ.

ވާދަވެރި މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ނަތީޖާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެފައިވާ ކަމަށް މިކާ ބުންޏެވެ. އަދި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން ނިއު އަށް މަޖުބޫރުވެފައިވާ ކަމަށް މިކާ ބުންޏެވެ.

"ދެ މެޗުގެ ނަތީޖާއާއެކު އަހަންނަށް އިތުރު ޕްރެޝަރެއް ކުރިމަތިވެފައި އޮތީ. ޓީމުގެ ކޯޗުގެ ހައިސިއްޔަތުން އަހަރެން ނަގަންޖެހޭ ހުރިހާ ޒިންމާއެއް ނަގަން. އަހަރެމެން އެބަޖެހޭ މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން،" މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިކާ ބުންޏެވެ.

މިކާ ބުނީ މިއަދު ނިއުގެ ކުޅުންތެރިންނާ ވާހަކަދައްކާނެ ކަމަށާއި "ނަމަކަށް މެޗު ކުޅެން ނުކުންނަ" ކުޅުންތެރިންނަށް ޓީމުން ޖާގައެއް ނުލިބޭނެ ކަމަށެވެ.

"ފައިނަލްގެ ފުރުސަތު ނެތަސް، މި މެޗުން ބަލިވާކަށް އަހަރެެމެން ބޭނުމެއް ނޫން. ދެ މެޗުން ބަލިވީމަ އަހަރެމެންގެ އެންމެން ވެސް މި ތިބީ ވަރަށް ދެރަވެފައި،" މިކާ ބުންޏެވެ. "އަހަރެން މިއަދު ކުޅުންތެރިންނާ ވާހަކަދައްކާނަން. ނަމަަކަށް މެޗު ކުޅެން އަރާ ކުޅުންތެރިންނަށް ޓީމުން ޖާގައެއް ނުލިބޭނެ. މި މެޗަށް ވެސް ނުކުންނަންޖެހޭނީ ސީރިއަސްކޮށް، މެޗުން މޮޅުވާން ބޭނުންވާ ކުޅުންތެރިން. މެޗަށް އަރުވާ ކުޅުންތެރިއެއްގެ ފަރާތުން އަހަރެން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ނުފެނިއްޖެ ނަަމަ، މެޗުގެ ދެވަނަ މިނިޓުގައި ވެސް ބަދަލެއް ގެންނަން އަހަރެން މާދަމާގެ މެޗުގައި ޖެހިލުމެއްނުވާނެ."

މިކާ ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، މޮޅަކާއެކު މުބާރާތް ނިންމާލަން ނިއުގެ ޓީމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކުރާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭން ބޭނުންވާ ކަމަށެވެ.

"އަހަރެން ނުކުންނާނީ ވަރަށް ސީރިއަސްކޮށް. މެޗުން މޮޅުވާން އަހަރެމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" މިދިޔަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ނިއު އަށް ކާމިޔާބުކޮށްދިން މިކާ ބުންޏެވެ.