ރިޕޯޓް

ޝާހިދާ ދަރިފުޅު މަރާލަފާނެތަ؟ ކީއްވެ؟

  • ޝާހިދާގެ އިތުރު ދެ އަންހެން ކުދިން ތިބޭ
  • ޝާހިދާގެ މާ ބޮޑު ނަފްސާނީ މައްސަލައެއް ހުންނަ ކަމެއް ނޭނގެ
  • ފިރިމީހާއާ މައްސަލަ ޖެހިގެން އުޅޭ ކަމުގެ އިޝާރާތެއް ދިން

މިއަދު ނޫމަރާއަށް އިރު އަރައިގެން އައީ، ސިހުމާއި ބިރުވެރިކަމާއި ހިތާމައިގެ ތެރެއިންނެވެ. އެ ރަށަށް އާންމުކޮށް ޒިޔާރަތް ކޮށް އުޅޭ އާމިނަތު ޝާހިދާ 29އ. އޭނާގެ އެންމެ ހަގު ދަރިފުޅު، ޝައިހާ ގަޔަށް ވަޅި ހަރައި ކޮށައި ކުދިކުދި ކޮށްލުމުން ސިހުން ނުލިބޭ ހަމަ އެކަކު ވެސް އެ ރަށަކު ނެތެވެ. ހިތާމަޔަށް ވުރެ ބޮޑަށް އެންމެންނަށް ވެސް ތިބެވުނީ ހުއްޓުން އަރައިފަ އެވެ. ޝައިހާގެ ދޮށްޓައް އިތުރު ދެ އަންހެން ކުދިން ތިބޭ އިރު، ޝާހިދާގެ ފަރާތުން މިފަދަ ކަމެއް ފެނިދާނެ ކަމަށް އެއްވެސް މީހަކަށް ގަބޫލު ނުކުރެވުނެވެ. ސަބަބަކަށް ވީ ޝާހިދާ އަކީ ދަރިންނަށް އަނިޔާ ކުރާ މީހަކަށް ނުވުމެވެ. އަދި އެކަހަލަ ވާހަކައެއް ރަށު ތެރޭގައި ވެސް މީހަކު ބުނާތީ ވެސް އަޑުއެހި މީހަކު ނެތެވެ. އަމިއްލަ ދަރި ކޮށައި ކުދި ކުރި ކޮށްލާ ހިސާބަށް ޝާހިދާ ދިޔަ ސަބަބުން ހަމަ އެކަކަށް ވެސް ނުވިސްނެ އެވެ.

ޝާހިދާ އާންމުކޮށް ދިރިއުޅޭ އަދި އުފަންރަށް ށ. ފުނަދޫގައި ޝާހިދާގެ އެންމެ ގާތް އެއް އަވަށްޓެރިޔާ، ވެސް ހުރީ އަދިވެސް އެ ވާހަކަ ގަބޫލު ކުރަން އުނދަގޫވެފަ އެވެ. ނަން އާންމު ކުރަން ބޭނުން ނުވާ އޭނާ ބުނި ގޮތުގައި ޝާހިދާގެ ނަފްސާނީ މައްސަލައެއް ހުންނަކަން މިހާތަނަށް އެމީހުންނަށް ފާހަގައެއް ނުކުރެވެ އެވެ. އެހެން ނަމަވެސް މި ދެ ތިން ދުވަހަކު "އެއްވެސް ވަރަކަށް މިހާރު ނުނިދޭ،" ކަމަށް ޝާހިދާ އޭނާ ކައިރީ ވަނީ ބުނެފަ އެވެ. އަދި އެކަމާ ޝާހިދާ ކަންބޮޑުވެ ކުޅުދުއްފުއްޓަށް ގޮސް ޑޮކްޓަރަށް ވެސް ދެއްކި ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މިފަހަަކަށް އައިސް ޝާހިދާ އާއި އޭނާގެ ފިރިމީހާ އާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް އޭނާ އަށް ވަނީ ޝައްކުކުރެވިފަ އެވެ. އޭނާ ބުނި ގޮތުގައި ފިރިމީހާގެ ފަރާތުން ޝާހިދާ ވަރިވާން ބޭނުންވި ވާހަކައެއް މިދޭތެރެއިން އޭނާ ވަރަށް ގިނައިން ދެއްކި އެވެ. އެކަމަކު އޭގެ ސަބަބެއް ޝާހިދާ ހިއްސާ ކޮށްފައެއް ނުވެ އެވެ. ފަހަރެއްގައި އޭނާ އެ ވާހަކަ ދައްކަން ބޭނުން ނުވީ ކަމަށް ވެދާނެ އެވެ. އާއިލީ އެހެން އިތުރު މައްސަލައެއް ހުރިކަމެއް ޝާހިދާގެ ހުރިކަމަކަށް އޭނާ ލަފައެއް ނުކުރެ އެވެ.

"އަޅުގަނޑު މިހުންނަނީ ބުނާނެ އެއްޗެއް ނޭނގިފަ. ކޮންމެވެސް ވަރަކަށް އާއިލީ ގޮތުންވެސް އަޅުގަނޑުމެންނާ ޝާހިދާ މެންނާ ތިމާގެ ވާނެ. ދަރިފުޅު މަރާލީއޭ ބުނީމަ ކީކޭ އަޅުގަނޑަށް ކިޔޭނީ ވަކި. އަޅުގަނޑުމެންނާ އެހާ އެކުގައި އުޅޭ އިރުވެސް ޝާހިދާގެ އެވަރު ނަފްސާނީ މައްސަލައެއް ހުރި ކަމަކަށް ބޭރު ފުށަކުން ގައިމުވެސް ފާހަގައެއް ނުކުރެވޭ. އަނެއް ކޮޅުން އެ ދެމަފިރިންނަކީ ވެސް މައްސަލަޖެހި އަރައިރުންވާ ބައެއް ނޫން. އެކަމަކު ޝާހިދާ އަކީ ވަރަށް ރުޅި ގަދަ ކުއްޖެއް،" އެމީހާ ކިޔައިދިނެވެ.

ޝާހިދާ ދަރިފުޅު މަރާލި އިރު އޭނާގެ ފިރި މީހާ ވަނީ ތ. އަތޮޅުގެ ރަށަކަށް ވަޑާމުގެ މައްސައްކަތެއްގައި ގޮހެވެ.

ތުންތުން މަތިން ރަށު ތެރޭގައި ވާހަކަ ދައްކާ ގޮތުން ނަމަ، ލެއިން ތައްތެޅިފައި އޮތް ޝައިހާގެ ހަށިގަނޑު ޝާހިދާގެ ބައްޕަޔަށް ފެނުމުން، "ރޯ ވަރުން މަރާލީ،" ކަމަށް ބުނެ އޭނާ ހަޅޭއް ވެސް ލަވާ ހެދި އެވެ. މި ދަރަޖައަށް ޝާހިދާގެ ކަންކަން ދާން ޖެހޭ ސަބަބު ދެން ތިބި މީހުންނަކަށް ވެސް ނުވިސްނެ އެވެ.

ޝާހިދާގެ ދައްތަ ބުނި ގޮތުގައި ޝާހިދާ ބަލިވާން ފެށީ ވަރަށް ފަހުން ހަމަ އިހަކަށް ދުވަހު އެވެ. ދަރިފުޅު މަރާލުމަށްފަހު ވެސް ޝާހިދާ އިނީ ހަމަ ޖެހިލައިގެން ކަމަށް ދައްތަ ބުނެ އެވެ. އޭނާ ބުނި ގޮތުގައި ބޮޑު ކަމެއް ވެގެން އުޅޭހެން ވެސް އޭނާއަށް ހީވެސް ނުވެ އެވެ. އޭނާ ބުނީ ޝާހިދާއަކީ ދަރިންނަށް އެއްޗެހި ކިޔައި، ކުދިންނަށް އަޅާލުން ކުޑަ މީހެއް ނޫން ކަމަށެވެ. ކުދިންނަށް އިހާނަތްތެރިކޮށް ޝާހިދާ ހިތާ ކަމުގެ ޝަކުވާއެއް ކުއްޖެއްގެ ފަރާތުން ވެސް އަޑުއިވިފައެއް ނެތެވެ.

"އަޅުގަނޑަކަށް ނޭނގެ އެއްގޮތަކަށް ވެސް އޭނާ އަށް ވެފަ އެ އިން ގޮތެއް. ޝާހިދާ ހޭ ނެތުނޭ ބުނީމަ މިއަދު އަޅުގަނޑު އެ ގެއަށް ދިޔައިން. ހެއެއް ނުނެތޭ. ގަބުކައިފަ އިނީ. އޭނަޔަކަށް ހިއެއް ނުވޭ އެވަރުގެ ކަމެއް ކޮށްގެން އުޅޭ ހެނެއްވެސް. ޝާހިދާ ބަލިވާން ފެށީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ދެ ތިން ހަފުތާ އެއް ވަރު ވާނީ،" ހައިރާންކަމުގެ ތެރޭގައި ހުރެ ޝާހިދާގެ ދައްތަ ވާހަކަ ދެއްކީ މިހެންނެވެ.

ޝާހީދާގެ އާއިލާ އަކީ 2006 ވަނަ އަހަރު ށ. ނޫމަރާއިން އެއަތޮޅު ފުނަދޫ އަށް ބަދަލުވި އާއިލާ އެކެވެ. ޝާހިދާގެ މަންމަ ފަރާތުގެ މީހުން މިހާރުވެސް ނޫމަރާގައި ދިރިއުޅެމުން ދާތީ، ދޭތެރެ ދޭތެރެއިން އެމީހުން ނޫމަރާއަށް ޒިޔާރަތް ކޮށްލަނީ އެވެ. ރޭ ވެސް މި ކަންތައްގަނޑެއް ހިނގީ މިކަހަލަ ދަތުރެއްގަިއ ދަރިންނާ އެކު ޝާހިދާ އެ ރަށަށް އައިސް އުޅުމުގެ ތެރޭގަ އެވެ.

ނޫމަރާ ކައުންސިލުން ވެސް ބުނަނީ، ޝާހިދާގެ ފަރާތުން އެކަހަލަ ފާހަގަވި މީހަކު ހަމަގައިމު ވެސް އެ ރަށުގައި ނެތް ކަމަށެވެ. އަދި ނަފްސާނީ ކަމަކަށް ފަރުވާ ހޯދާ ކަމުގެ ވާހަކަ ވެސް އަޑުއިވުނީ ހާދިސާ ހިނގުމުން އާއިލާ އާއި ބައެއް ރަށްޓެހިންގެ ފަރާތުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ޝައިހާ މަރާލި ހަބަރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 05:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެއާ އެކު ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ. އަދި މާލެއިން ފުލުހުންގެ ޓީމަކާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް ވަނީ އެ މައްސަލަ ތަހުގީގުކުރަން މިހާރު ގޮސް ޝާހިދާ އިނީ ވެސް ހައްޔަރުކޮށްފަ އެވެ.

އެހެން ނަމަވެސް އެއްވެސް މީހަކަށް ޝާހިދާ އެކަން ކޮށްފާނެ ކަމަށް އަދިވެސް ތިބީ ގަބޫލު ކުރަން ދަތިވެފަ އެވެ.