ރިޕޯޓް

ރަސްފަންނު: މިވަރުގެ އުފަލެއް އަދި ނުދެކެން!

"ދައްތައަށް މިހާރު 70 އަހަރުމިވީ، މިއަށްވުރެ ބޮޑު އުފަލެއް ނުލިބޭ، ވަރަށް ބޮޑު ހިންހަމަޖެހުމެއް އަބަދު މިތާ މި އިންނަނީ،" މާފަންނު ކޮޅުގައި އަލަށް ހުޅުވި ރަސްފަންނު ބީޗުގެ ޖޯއްޔެއްގައި އިށީދެލައިގެން އިން ދުވަސްވީ އަންހެނަކު ބުނީ މިހެންނެވެ. މިއީ ހަމައެކަނި މި ދައްތަގެ ޝުއޫރެއް ނޫނެވެ. ރަސްފަންނުގެ ހިތްގައިމު މާހައުލުގައި އުފާއުފަލުން އުޅެމުން އަންނަ އެންމެންގެ ވާހަކަ ވެސް ހުރީ ހަމަ މިހެންނެވެ.

ކުލަގަދަ ރަސްމިއްޔާތެއްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުޅުވައިދެއްވި ރަސްފަންނު ބީޗް މި ވަނީ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނަށް އައި ބޮޑު އީދަކަށެވެ އެތައް ބަޔަކު ގްރޫޕް ހަދާލައިގެން ހަވީރު ފިންޏަށް މި ދަނީ އެ ބީޗާ ދިމާލަށެވެ. އެ ހިތްގައިމު ސަރަހައްދަށް ގޮސްލުމަކީ މި ހަފްތާ ބަންދުގައި ކޮންމެ އާއިލާއަކުން ވެސް ކުރާނެ ކަމަކަށް މި އޮތީ ހަދައިދަ އެވެ.

"ކުރިން މިތިބެނީ ދަރިން ގޮވައިގެން ގޭގައި، ދާނެ ތަނެއް ނޯވެ، ދަރިން ވެސް ރޮއެ އަބަދު ގޭގައި ބައިތިއްބާތީ އެކަމަކު ތޮއްޖެހިފައިވާ މި މާލޭގައި ކޮންތާކަށް ވަކި ދަރިންތައް ނެރޭނީ، މިއީ ހަމަ ވަރަށް ރަނގަޅު ކަމެއް، މިހާރު ހިންހަމަޖެހޭ ދަރިން ކުޅޭތަން ފެނުނީމަ،" ކުދިން ދަރިން ކޮޅެއް ގޮވައިގެން ރަސްފަންނުގައި އިން މަންމައަކު ބުންޏެވެ. 

ރަސްފަންނު ބީޗް އާންމުންނަށް ހުޅުވާލި ދުވަހުގެ ހަވީރު އެ ބީޗް އޮތީ ފުރިފަ އެވެ. އެ ދުވަހު ހަވީރު ގާތްގަނޑަކަށް ހާހެއްހާ މީހުން ބީޗަށް ދިޔަ އެވެ. ވަކި އުމުރެއް ނެތެވެ. ކުދިން ސްކޫލް ނިންމި ގޮތަށް ސްކޫލް ޔުނީފޯމާއެކު ވެސް ބީޗްގައި ކުޅެން އުޅުނެވެ. ދޮންވެލި ގަނޑެއް ފެނިފައިނުވާ ތުއްތުކުދިން އެ ދޮންވެލި ގަނޑުގައި އޮށޯވެ މަޖާ ނަގާ މަންޒަރުތައް ބަލަން މައިބަފައިން ތިބެނީ ހެވިފަ އެވެ.

ދުވަސްވީ މަންމަ ގޭތެރޭ ފޫހިވެފައި އަބަދު ތިބޭތަން ފެނި މާޔޫސްވެފައި ތިބި ދަރިންނަށް ވެސް ރަސްފަންނުން ވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. އެ މުސްކުޅި މަންމަގެ ކުޑައިރުގެ ހަނދާންތައް ވެސް ގެނެސްދޭނެ ރަސްފަންނު ބީޗުގައި ދުވަސްވީ މީހުން ތިބެނީ ހެވިފަ އެވެ. ހިންހަމަ ޖެހިފަ އެވެ. މިވަރުގެ ކަމެއް ނެތޭ ހިތާހިތުން ކިޔާލަކިޔާލަ އެވެ.

ދެމަރިންނާއި ލޯބިވެރިން އެކު ހިނގާލަން ދާން ވެސް ރަސްފަންނަކީ ރީތި ތަނެކެވެ. ޒުވާން ފިރިހެން ކުދިން ގްރޫޕް ގްރޫޕަށް މަޖާ ނަގާ ހަދަން މިހާރު ރަސްފަންނު ވަރެއް ނެތެވެ. ރަސްފަންނުގައި ބަހައްޓާފައިހުރި ފެން މާގަނޑުތަކަކީ ޒުވާނުންނާއި ކުޑަކުދިން މާގަޔާވާ ކަމެކެވެ. ފެންމާތަކު ދަށުން ކުޑަކުދިން ހުސްވާ މަންޒަރެއް ނުފެނެ އެވެ.

"އަޅުގަނޑު ވަރަށް އުފާވޭ މިތަނަށް އައީމަ، މިއަދު ބީޗްގަ ހަމަ ކުޅެލީ، ވަރަށް މަޖާ، ކުޅެލެވޭ، ހިނގާލެވޭ، ފެންމާގަނޑުން ފެންވަރާލައިގެން ހުރި ކުޑަ އަންހެން ކުއްޖަކު ބުންޏެވެ. "މިތަން ހީވަނީ ރިސޯޓެއް ހެން،" 

ބީޗްގެ ހިތްގައިމުކަން އިތުރުވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރަށެއްގެ މަލަ މަތި ފެންނަ ގޮތަށް މުޅި ބީޗް ފަރުމާކޮށްފައިވުމެވެ. "ކޮންކްރީޓް ޖަންގަލީގެ" ނަމުން މަޝްހޫރުވެފައިވާ މާލޭގައި އެފަދަ މާހައުލެއް ނެތްތާ މިހާރު އެތަކެއް އަހަރެއްވެއްޖެ އެވެ. ގޮނޑުދޮށުގައި ހޮޅުއަށިތަކާއި ޖޯލި ފަތިތައް ހުއްޓާ މާލެއިން ފެނުނު ޒުވާނަކު ހުރިހެނެއް ހިއެއް ނުވެ އެވެ. ނަމަވެސް މިހާރު މިވަނީ އަލުން އެ ދުވަސް ފެނިފަ އެވެ. އިހުގެ ގޮތަށް ޖޯލިފަތިތަކާއި ހޮޅުއަށިތައް އަދި އުދޯލި ވެސް ރަސްފަންނުގައި އެބަހުއްޓެވެ. އެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގައި އޮށޯވެ ތިބެ، ރަންޒަމާން އާކުރުމުގައި ދުވަސްވީ މީހުން އެތައް ވަގުތެއް ހޭދަކުރެ އެވެ.

ރަސްފަންނަކީ ވަރަށް ތަފާތު ބީޗެކެވެ. އެއީ ހަމައެކަނި ގޮނޑުދޮށެއް ނޫނެވެ. އެ ބީޗްގައި ކަރަސްރަތު ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ. މާލެ ވަށައި ދުވެލުމަށް ފަހު އެތަނަށް ކަސްރަތު ކުރަން އަންނަ މީހުން އިން މުޅި ސަރަހައްދު އޮތީ ތޮއްޖެހިފަ އެވެ.

"ދެން ނުޖެހޭނުން ޖިމަށްދާކަން، ފަތިހު ދުވެލަން ވެސް މިތަނަށް ދެން އަންނާނީ، ދުވެލާފައި މި ޖިމުން ކަރަސްތުކޮށްލީމަވީނުން، ސަޅި ވަރަށް، މިއީ ސަޅި ތަނެއް،" ރަސްފަންނުގައި ހުރި ޒުވާނަކު ބުންޏެވެ.

ހިތްފަސޭހަ ރަސްފަންނު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެތައް ބަޔަކު ޖަމާވާ އެ ބީޗުގެ ސެކިއުރިޓީ ފުލުހުން ދަނީ ވަރަށް ވަރުގަދައަށް ބަދަލަހައްޓަމުންނެވެ. އެ ސަރަހައްދުގައި ސީސީޓީވީ ވެސް ވަނީ ހަރުކޮށްފަ އެވެ. 

އާއިލާތަކަށް ވެސް ބީޗްވެފައިވަނީ ހާއްސަ ތަނަކަށެވެ. ހުކުރު ހޮނިހިރުގައި އާއިލާއާއެކު ބާބަކިއު ހަދާލުމަށް ހުޅުމާލެއަށް ނޫނީ ވިލިމާލެއަށް ދިއުމުގެ ބަދަލުގައި، މިހާރު މާލޭގައި ވެސް އެކަން ކޮށްލެވޭނެ އެވެ. ދަތުރުކުރަން އުނދަގޫ ބަލި ބައްޕަ ނޫނީ މަންމަ ވެސް މިހާރު އެ ބާބަކިއުތަކުގައި ބައިވެރިކުރެވޭނެ އެވެ. މި ހުރިހާ އުފަލެއް ގެނެސްދީފައިވަނީ ހަމަ ރަސްފަންނު ބީޗުންނެވެ.

ފަތާލަން ބޭނުންވާ މީހުންނަށް ވެސް މި ބީޗް ވަރެއް ނެތެވެ. މޫދުގެ ތިލަ ތަންތަނުގެ ފަތާލަން ބޭނުން ފަރާތްތަކަށް އަދި ފުން ހިސާބުތަކުގައި ފަތާލަން ބޭނުން ފަރާތްތަކަށް ފުން ހިސާބުތަކެއް ވަނީ ހަދާފަ އެވެ. މޫދަށް އެރި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ލައިފް ގާޑުން ވެސް ރަސްފަންނު ގައި ތިބެ އެވެ.

މީގެއިތުރުން އެސަރަހައްދުން ސާފު ފެން ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި އެސަރަހައްދުން މަސް ބޭނުމަށް ހާއްސަ ތަނެއް ހަދާ މަސް ކެނޑޭނެ އިންތިޒާމްވެސް ރަސްފަންނު ގައި ގާއިމުކޮށްފަ އެވެ. 

ރަސްފަންނު ބީޗް ވަރަށް ފުރިހަމަ އެވެ. އެކަމާ ދެކޮޅު ހަދާނެ މީހެއް ނުހުންނާނެކަން ކަށަވަރެވެ. މި ފުރިހަމަ ބީޗް އަދިވެސް ފުރިހަމަވުން އޮތީ ކުރިއަށެވެ. މި ބީޗުގެ އެންމެ ތަފާތު އަދި ހާއްސަ ކަމަކީ ބީޗުގައި ހަދާ އޯވަރ ހެޑް ބުރިޖެވެ. އެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބުރިޖުގެ އުފާ ވެސް އެންމެންނަށް ލިބޭނެ އެވެ. އެކަން ފަހިކޮށްދިނުމަށް މި ބްރިޖަށް އެރުމަށް ލިފްޓްވެސް ހަރުކުރާނެ އެވެ.

ރަސް ފަންނު ބީޗު ހިންގުމާއި ހަވާލުވެފައިވަނީ އައިޖީއެމްއެޗުން ނެވެ. ބީޗުގައި އަލަށް ހެދި މަގުގައި ދުއްވާ އެއްޗެއްސަށް ބައެއް ގަޑިތަކުގައި ނުވަދެ އެވެ. އެއީ ވެސް ބީޗުގެ އުފާ ގިނަ މީހުންނަށް ލިބޭނެ ކަމަކެވެ. ފަތިހު ފަސްގަޑި ބައިން ހަގަޑި ބަޔަށް އަދި ހަވީރު ހަޔަކުން ރޭގަނޑު 10 އަކަށް ރަސްފަންނު ކުރިމަތިން އޮންނަ މަގުން ދުއްވުން މަނާވާނެ އެވެ. އަދި ހުކުރު ހޮނިހިރުގައި ފަތިހު ފަސްގަޑި ބައިން ނުވަގަޑި ބަޔަށް އަދި ހަވީރު ހަޔަކުން ރޭގަނޑު 10 އަކަށް ދުއްވުން މަނާ ވާނެ އެވެ. އަދި މިމަގުގައި 15 ކިލޯމީޓަރަށް ދުއްވާއިރު އެކްސެލެރޭޓާ ފަދަ ބަރު ލޮރީތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މި ބީޗަކީ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ތަނެކެވެ. މިބީޗުގެ ޕެވީލިއަންގެ މަސައްކަތް އަހަރުގެ މެދު ތެރެއަށް ނިމޭނެ އެވެ. މިހާރު ވެސް އެތައް ބަޔަކު ރަސްފަންނަށްދާއިރު ކުރިއަށްއޮތްތާ ވެސް ރަސްފަންނު ބީޗަށްދާ މީހުން ދާނީ އިތުރުވަމުންނެވެ.